"އަލިމަގު" އޮޕަރޭޝަން: 110 މީހުން ހައްޔަރުކޮށް، 23 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި
ރާއްޖެއިން މަސްތުވާތަކެތީގެ ނުރައްކާ ނައްތާލުމަށް ސަރުކާރުން ފެށި ގައުމީ ބޮޑު ހަރަކާތް، "އަލިމަގު" އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް މަގުމަތީ އަގު 23 މިލިއަން ރުފިޔާއަށް އަރާ މަސްތުވާތަކެތި އަތުލައިގަނެ، އެކަމުގައި ޝާމިލުވާ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ހާމަކުރައްވައިފިއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން ނިމުނުއިރު، މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅުނު ޖުމްލަ 110 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން، މަސްތުވާތަކެތި ބަންދުކޮށް ވިއްކުމަށް ބޭނުންކުރި ތަފާތު އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާވެސް މި އޮޕަރޭޝަންގެ ތެރެއިން ހޯދިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ކުއްލިއަކަށް ކުރެވުނު ކަމެއް ނޫނެވެ. މިއީ ފުލުހުންގެ އިންޓެލިޖެންސުން ހަ މަސް ދުވަސް ވަންދެން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ވަރަށް ރޭވުންތެރިކަމާއެކު ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ސަރުކާރުން ދެން ޖާގަ ނުދޭނެކަމުގެ ވަރުގަދަ އިންޒާރެއް ދެއްވަމުން އިހުސާން ވިދާޅުވީ، ފުލުހުންގެ މިހާރުގެ އަމާޒަކީ އެފަދަ ނެޓްވޯކްތަކުގެ އެންމެ އަޑިއަށް ފީނައި، އެކަން ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ.
"ދެން މިކަމަކަށް ރާއްޖޭގައި ފުރުސަތެއް ނުލިބޭނެ. އަޅުގަނޑުމެން އެމީހުން ހިފާ ހައްޔަރުކުރާނަން. ފުލުހުންގެ ހުރިހާ މަސައްކަތެއް މިހާރު ޑްރަގްސްގެ ދާއިރާގައި މިއޮތީ މި މީހުންނާ ހިސާބަށް ވާސިލުވުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
Ads by MACL
