ކުރިއަށް އޮތް 3 ދުވަހު ވިއްސާރަވެ، ކަނޑުތައް ގަދަވާނެ: ދެކުނާއި މެދުރާއްޖެތެރެއަށް ސަމާލުވުމަށް އެދެފި
ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ވިއްސާރަ ވިލާތަކުގެ ސަބަބުން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ހާމަކުރެއްވި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު އެންމެ ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ދައްކަނީ ދެކުނާއި މެދުރާއްޖެތެރޭގެ ރަށްތަކަށެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާއިރު، ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ.
މޫސުން ގޯސްވާ ވަގުތުތަކުގައި ވައިގެ ބާރުމިން އިތުރަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ. އެގޮތުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ. އަދި އާންމުކޮށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެގެންދާނެ ކަމަށް ލަފާކޮށްފައިވެއެވެ.
Ads by BMLމެޓް އޮފީހުގެ އޮފިޝަލު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް ވެސް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މިހާރު ހުރި ވަރަށްވުރެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
Ads by MACL
