ވިލިމާލޭ ހޮސްޕިޓަލްގެ ޚިދުމަތް ވަގުތީ އިމާރާތަކަށް ބަދަލުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
ވިލިމާލޭ ހޮސްޕިޓަލްގެ މިހާރުގެ އިމާރާތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު އާރުޑީސީ އާއި ވިލިމާލޭ ހޮސްޕިޓަލާ ދެމެދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ވިލިމާލޭގައި ހުންނަ "އަމާން ހިޔާ" އިމާރާތް، ސިއްހީ ޚިދުމަތް ދެވޭ ފެންވަރަށް މަރާމާތުކޮށް، ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް އާރުޑީސީން ކުރާނެއެވެ.
މި އެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރުއެވެ. ވިލިމާލޭ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ ހޮސްޕިޓަލްގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، ފާޠިމަތު ނަޝްފާއެވެ.
Ads by BMLމިކަމާ ގުޅިގެން އާރުޑީސީން ބުނީ، މިއީ ވިލިމާލޭގެ ރައްޔިތުންނަށް ދެމުން އަންނަ ސިއްހީ ޚިދުމަތްތަކަށް ހުއްޓުމެއް ނައިސް، އިތުރަށް ފުޅާކޮށް ޒަމާނީ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ. އަދި "އަމާން ހިޔާ" އިމާރާތަކީ ސިއްހީ ޚިދުމަތް ދިނުމަށް އެކަށޭނަ، ރައްކާތެރި މާހައުލަކަށް ހެދުމަށް އެ ކޯޕަރޭޝަންގެ ޓީމުން ފަރުވާތެރިކަމާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.
ވިލިމާލޭ ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ، ހޮސްޕިޓަލްގެ މައި އިމާރާތުގައި ބޮޑެތި މަރާމާތުތަކެއް ކުރަންޖެހިފައިވާތީ، ޚިދުމަތްތަކަށް ބުރު ނާރާނެ ގޮތެއްގެ މަތިން މަސައްކަތް ކުރިއަށް ގެންދިއުމަށް މިފަދަ އިންތިޒާމެއް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ ގައުމީ މަސައްކަތެއްގައި އާރުޑީސީގެ އެހީތެރިކަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ދަށުން "އަމާން ހިޔާ" އިމާރާތުގައި ކޮންސަލްޓޭޝަން ރޫމްތަކާއި، ފާމަސީއާއި، ލެބޯޓަރީ އަދި އިމަޖެންސީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސާނެއެވެ.
އާރުޑީސީއަކީ ރާއްޖޭގެ މަގުތައް ތަރައްގީ ކުރުމުގައި އިސް ދައުރެއް އަދާކުރާ ކުންފުންޏެއް ނަމަވެސް، އެ ކުންފުނިން ދަނީ އިޖުތިމާއީ ޒިންމާގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
Ads by MACL
