ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްއެންޑީއެފުން ކުރިއަށްގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށްގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އަލިފާނުގެ ނުރައްކާތެރި ހާދިސާތަކަށް އިޖާބަދިނުމުގައި ފަޔަރ ފައިޓަރުންގެ ތައްޔާރީ ހާލަތު ވަރުގަދަކޮށް، ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކޮންމެ އަހަރަކު ބާއްވާ "ޖައްރާފާ" އެކްސަސައިޒްގެ މިއަހަރުގެ ތަމްރީނުތައް ރަސްމީކޮށް ފަށައިފިއެވެ.

2013 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ކުރިއަށްގެންދާ މި އެކްސަސައިޒްގެ މައިގަނޑު މަގުސަދަކީ، ބޮޑެތި އަދި ގޮންޖެހުން ބޮޑު އަލިފާނުގެ ހާދިސާތަކަށް ތައްޔާރުވެ، އެފަދަ ހާލަތްތައް މެނޭޖްކުރުމުގައި ފަޔަރ ފައިޓަރުންގެ ހުނަރާއި ޢިލްމު އިތުރުކުރުމެވެ. މީގެ އިތުރުން، ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭން، އިންސިޑެންޓް ކޮމާންޑް ސިސްޓަމް، އަދި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުން ވެސް މި އެކްސަސައިޒްގެ ތެރެއިން ކުރިއަށްދާނެއެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސްވެރިންނާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަދި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އިމަޖެންސީ ޓީމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ނޮވެންބަރު 23 އިން 24 ގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނުތައް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ކަނޑުމަތީގައި ވެސް ކުރިއަށްގެންދާނެއެވެ. މި ތަމްރީނުތަކުގެ ތެރޭގައި އުސް އިމާރާތްތަކުގެ އަލިފާނުގެ ހާދިސާތައް، ރެސްކިޔު އޮޕަރޭޝަންތައް، ނުރައްކާތެރި ކެމިކަލް ހާދިސާތަކަށް އިޖާބަދިނުން (ހެޒްމެޓް) އަދި މަގުމަތީގެ އެކްސިޑެންޓްތަކުގައި އަމަލުކުރާނެ ގޮތްތައް ޢަމަލީ ގޮތުން ފަރިތަކުރާނެއެވެ.

އެމްއެންޑީއެފުން ވަނީ މި އެކްސަސައިޒް ކުރިއަށްދާ ވަގުތުތަކުގައި މާލެ ސަރަހައްދުގައި ސައިރަން ޖަހައިގެން ފަޔަރ ވެހިކަލްތައް ދުއްވާނެކަމަށް މައުލޫމާތު ދެއްވާފައެވެ.