ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްއޭސީއެލްގެ ބޯޑަށް ކުރީގެ މެމްބަރު ޖަމީލް އުސްމާން އައްޔަންކުރައްވައިފި

އެމްއޭސީއެލްގެ ބޯޑަށް ކުރީގެ މެމްބަރު ޖަމީލް އުސްމާން އައްޔަންކުރައްވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާން މިއަދު އައްޔަން ކުރައްވައިފިއެވެ.

ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ އިދާރާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ޖަމީލް އުސްމާން އެމްއޭސީއެލްގެ ބޯޑު މެމްބަރުކަމަށް އައްޔަންކުރެއްވިކަން ހާމަކުރައްވާފައެވެ. ޖަމީލަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. މިއަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައިވެސް އޭނާ ވާދަކުރެއްވިއެވެ. ނަމަވެސް ގޮނޑި ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.

އެމްއޭސީއެލްގެ ބޯޑަށް އައު މެމްބަރަކު އައްޔަންކުރައްވާފައި މިވަނީ، އެ ކުންފުނީގެ ބޯޑު އެކުލެވިގެންވާ ގޮތަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ބަދަލުތަކެއް ގެނެސްފައި ވަނިކޮށެވެ. އެގޮތުން މީގެ ކުރިން 7 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑު، 9 މެމްބަރުންނަށް ވަނީ އިތުރުކޮށްފައެވެ.

މީގެ އިތުރުން، ބޯޑުގެ މެމްބަރުކަމުގައި ހުންނެވި މުޙައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ދާދިފަހުން ވަނީ މަގާމުން ވަކިކުރައްވާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަކިކުރީ، އެމްއޭސީއެލްއިން ބިން ހިއްކުމާއި ސަރުކާރުގެ އެހެނިހެން އިންފްރާސްޓްރަކްޗަރ މަޝްރޫއުތައް ހިންގުމާ ހަވާލުވުމަށް ބޯޑުން ނިންމި ނިންމުމާ ދެކޮޅު ހެއްދެވުމުންނެވެ.

އެމްއޭސީއެލްއިން މިހާރު ވަނީ ބިން ހިއްކުމާއި ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޚާއްސަކޮށްގެން "ޕެނިންސޫލާ އިންފްރާސްޓްރަކްޗަރ" ގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައި، އެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.

ޖަމީލް އުސްމާންގެ އިތުރުން އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބަވާ މެމްބަރުންނަކީ:

އައިޝާ ނޫރްއައިން ޖަނާހް (ޗެއާޕާސަން)

އިބްރާހިމް ޝަރީފް މުހައްމަދު (މެނޭޖިންގ ޑިރެކްޓަރ)

ސަހާ ވަހީދު

އިބްރާހިމް ސިޔާދު ގާސިމް

އިބްރާހިމް މަހުދީ