މިއަހަރުގެ ތެރޭގައި އެންމެ ބޮޑު ސަމާލުކަމެއްދިނީ ކުޅިވަރު ޤާނޫނު އިސްލާޙުކުރަން: ވަޒީރު ރާފިޢު
މިއަހަރުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން ކުރި އެންމެ މުހިންމު އަދި އެންމެ ބޮޑު ސަމާލުކަމެއް ދިން މަސައްކަތަކީ، ދާއިރާގެ މުސްތަޤުބަލު ބައްޓަންކުރުމަށްޓަކައި ކުޅިވަރު ޤާނޫނު އިޞްލާޙުކުރުންކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ސިފަކުރެއްވި ގޮތުގައި، މި ޤާނޫނު ފާސްވެގެން ދިއުމަކީ މި ސަރުކާރުން ވޭތުވެދިޔަ 104 ހަފްތާ ތެރޭގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ރާފިޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި ކުޅިވަރުގެ ދާއިރާއަށް ގެންނަންޖެހޭ އެންމެ މުހިންމު ބަދަލަކީ ޤާނޫނީ އޮނިގަނޑު ހަރުދަނާކޮށް، ކުޅިވަރަށް އައު މިސްރާބެއް ކަނޑައެޅުން ކަމަށެވެ. އެހެންކަމުން، ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ޤާނޫނަށް ގެނައި އިޞްލާޙުތަކަކީ ދިގު މުއްދަތުގެ ރޭވުމެއްގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
Ads by BML"ކުރިންސުރެންވެސް އަޅުގަނޑުމެން ދައްކަމުން އައީ ޤާނޫނަށް ބަދަލުގެނެސް، ހިންގުން ވަރުގަދަ ކުރަންޖެހޭ ވާހަކަ. މިހާރު ފާސްވި ޤާނޫނަކީ އަޅުގަނޑުމެން އެންމެން މަޝްވަރާކުރި ގޮތަށް ކުޅިވަރުގެ މިސްރާބު ބަދަލުކޮށްލާނެ ފަދަ ބާރުތަކެއް ލިބިގެންވާ ޤާނޫނެއް،" ވަޒީރު ވިދާޅުވިއެވެ.
މި ޤާނޫނުގެ ދަށުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތުގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ "ކުޅިވަރު ފަންޑެއް" ޤާއިމުކުރުމުގެ މަސައްކަތެވެ. މި ފަންޑުގެ ސަބަބުން ވުޒާރާގެ ބަޖެޓަށް ބަރޯސާވުން ކުޑަވެ، ރާއްޖެއިން ބޭރުގެ އެހީއާއި ޕްރައިވެޓް ސްޕޮންސަރުންގެ އެހީތެރިކަން ދާއިރާއަށް ހޯދުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން ކުޅިވަރު ވަސީލަތްތަކުން ލިބޭ އާމްދަނީވެސް މި ފަންޑަށް ޖަމާކުރެވޭނެއެވެ. މި ފަންޑު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެތުލީޓުން ތަރައްޤީކުރުމަށެވެ.
ޤައުމީ އެތުލީޓުންނަށް ލިބިގެންދާނެ އިތުރު ހިތްހަމަޖެހުމެއް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ޤައުމީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރާ ހުރިހާ އެތުލީޓުންނާއި އޮފިޝަލުންނަށް އިންޝުއަރެންސް ފޯރުކޮށްދިނުމުގެ އިންތިޒާމު މިއަހަރު ހަމަޖެހި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. މިއީ މިފަދަ ރައްކާތެރިކަމެއް އެތުލީޓުންނަށް ރަސްމީކޮށް ލިބިގެންދާނެ ފުރަތަމަ ފަހަރެވެ.
ކުޅިވަރުގެ ދާއިރާއިން އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ މަސައްކަތްތައްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މިއަހަރު ފެށި 30 މަޝްރޫއެއް ނިމިފައިވާއިރު، ކުރިން ހުއްޓިފައި ހުރި 59 މަޝްރޫއެއްގެ މަސައްކަތްވެސް ނިންމާލެވިފައިވާ ކަމަށެވެ. އަދި މިވަގުތުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 300 އަށްވުރެ ގިނަ ކުޅިވަރު މަޝްރޫއު ހިނގަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
Ads by MACL
