ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްވެރިކަމުގެ ސިނާޢަތް ދިވެހިންގެ އަތްމަތީގައި ބޭއްވުމަށް، ޒުވާނުން ތަމްރީނުކުރަން ފަށައިފި

މަސްވެރިކަމުގެ ސިނާޢަތް ދިވެހިންގެ އަތްމަތީގައި ބޭއްވުމަށް، ޒުވާނުން ތަމްރީނުކުރަން ފަށައިފި

މަސްވެރިކަމުގެ ސިނާޢަތް ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލައި، ދިވެހިންގެ އަތްމަތީގައި ދެމެހެއްޓުމަށްޓަކައި ޒުވާނުން އެ ދާއިރާއަށް ނެރުމުގެ މުހިންމުކަން، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ފާހަގަކުރައްވައިފިއެވެ. މި މަޤްސަދުގައި ސަރުކާރުން ފަށާފައިވާ ޚާއްސަ ޔޫތު އިންޓަރންޝިޕް ޕްރޮގްރާމްގެ ދަށުން ހޮވުނު ފުރަތަމަ ބުރުގެ ޒުވާނުންނަށް ވަނީ ލިޔުން ހަވާލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، ވޯލްޑް ބޭންކުގެ އެހީގައި ހިންގާ "ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓުގެ ބައެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ މަސްވެރިކަމުގެ ސިނާޢަތަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކޮށް، އެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ޒުވާނުންގެ ޢަދަދު އިތުރުކުރުމެވެ.

މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހަތް ޒުވާނަކު ކުރިމަތިލި ނަމަވެސް، އިންޓަވިއުއަށް ފަހު ފުރުޞަތު ދީފައިވަނީ ފަސް ޒުވާނަކަށެވެ. ހޮވުނު ފަރާތްތަކަކީ އުމުރުން 24 އަހަރުން ދަށުގެ، އަދި މީގެކުރިން މަސްވެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިނުވާ، މި ދާއިރާއަށް މުޅިން އައު ފަރާތްތަކެކެވެ.

މި ޕްރޮގްރާމަށް ހޮވުނު ބައިވެރިންނަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތުގައި ދިވެހި ޒުވާނުން ދެމިތިބުމަކީ ޤައުމީގޮތުން ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ އަޅުގަނޑުމެންގެ ދޯނިތަކުގައި ބިދޭސީން ޑޮމިނޭޓް ކުރާތަން ފެންނާކަށް. މި ސިނާޢަތުގައި ދިވެހިން ދެމިތިބޭނީ ގިނަ ޒުވާނުން މި ސިނާޢަތުގެ ތެރެއަށް ވަދެގެން،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވަނީ މި ޕްރޮގްރާމުގެ ތެރެއިން ޒުވާނުންނަށް މަސްވެރިކަމުގެ ހުނަރުތައް ދަސްކޮށް، ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ފަންނީ ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންޓަރންޝިޕް ޕްރޮގްރާމްގެ ދަށުން، މި ފަސް ޒުވާނުން ތިން މަސް ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެންމެ ފައިދާހުރި ގޮތެއްގައި މަސްވެރިކަން ކުރާ، ޒަމާނީ ވަސީލަތްތައް ޤާއިމުކޮށްފައިވާ ދޯނިތަކުގައި ޢަމަލީ ތަމްރީނު ހާސިލުކުރާނެއެވެ. މި ޒުވާނުން ދަތުރުކުރާނީ ތަޖުރިބާކާރު މަސްވެރިންނާއި ފަޅުވެރިންނާއެކުގައެވެ.

މަހަށް ދިއުމުގެ ކުރިން، މި ފަސް ޒުވާނުން ވަނީ އެމްއެންޑީއެފް ކޯސްޓް ގާޑުގެ އެހީތެރިކަމާއެކު ރ. ދުވާފަރުގައި ކުރިއަށް ގެންދިޔަ 36 ގަޑިއިރުގެ 'ޖެނެރަލް ނެވިގޭޝަން ކޯސް' (ލެވެލް 2) ފުރިހަމަކޮށްފައެވެ. އަންނަ ހަފްތާގެ ތެރޭގައި މި ޒުވާނުން މަހަށް ދިއުމަށް ފުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.