ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޑަހުވަދޫގައި ކޮމާޝަލް ބަނދަރެއް ތަރައްގީ ކުރުމަށް އެމްޕީއެލްއާ ހަވާލުކޮށްފި

ކުޑަހުވަދޫގައި ކޮމާޝަލް ބަނދަރެއް ތަރައްގީ ކުރުމަށް އެމްޕީއެލްއާ ހަވާލުކޮށްފި

ދ. ކުޑަހުވަދޫގައި ކޮމާޝަލް ބަނދަރެއް ނުވަތަ ޕޯޓް ގާއިމުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ރޭ ހަވާލުކޮށްފިއެވެ.

ކުޑަހުވަދޫގައި އޮތް ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދުއެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާންއެވެ.

ކުޑަހުވަދޫގައި ގާއިމުކުރާ މި ޕޯޓުގެ މައިގަނޑު މަސައްކަތަކަށް ވާނީ ޕޯޓް-ޓު-ޕޯޓް ލޮޖިސްޓިކެވެ. މި ޕޯޓާއެކު އެރަށުގެ މުސަތަގްބަލުގައި ޑިސްޓްރިބިއުޝަން ހަބެއްގެ ގޮތުގައި ތަރައްގީވެ، އިގްތިސާދީ ގޮތުން ކުރިއެރުންތައް ހޯދޭނެ މަގުތައް ފަހިވެގެންދާނެއެވެ.

އެމްޕީއެލުން މި ޕޯޓް ތަރައްގީކުރާ އިރު ކޮމާޝަލް ޕޯޓުން އެކި ޚިދުމަތްތައް ލިބޭ ގޮތަށް ތަރައްގީ ކުރަން ވަނީ ނިންމާފައެވެ. އަދި ކުރިޔަށް އޮތްތަނުގައި ކުޑަހުވަދޫގައި ބޮންޑަޑް ވެއާހައުސް ހަދައި އިތުރު ޚިދުމަތް ތައާރަފް ކުރުމަކީ އެކުންފުނީގެ ވިސްނުމެއް ކަމަށް އެމްޕީއެލުން ވަނީ ވިދާޅުވެފައެވެ.

ކުޑަހުވަދޫއަކީ އާބަން ސެންޓަރުތައް ތަރައްގީ ކުރުމަށް ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާ ހަތް ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެހެންކަމުން އެމަނިކުފާނު އެރަށުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ އިތުރުންވެސް އެރަށް އާބަން ސެންޓަރަކަށް ހެދުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް މިދައުރުގައި ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ޕޯޓް ތަރައްގީވެގެން ދިޔުމުން އޭގެ ނަފާ އާއި އިގްތިސާދީ ކުރިއެރުން ރައްޔިތުންނަށް ލިބިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެރަށަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުދީ ރަށުގައި އިތުރަށް ހައުސިން މަޝްރުއުތައް ހިންގާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވައިފައެވެ