ފައްޔާޒުއަށް މަސައްކަތް ކުރެވޭނެ މާހައުލެއްނެތް، ހިޔާލުތަފާތުވުން ބޮޑުވެ އެންމެފަހުން އިސްތިއުފާދެއްވައިފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ތެރޭގައި ހިޔާލުތަފާތުވުންތައް ބޮޑުވެ، ޕާޓީ ހިންގުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ، ޗެއާޕާސަންގެ ހައިސިއްޔަތުން މަސައްކަތް ކުރެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ފައްޔާޒް އިސްމާއީލް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. މިރޭ ބޭއްވި ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން ފައްޔާޒު ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެވެ.
އިސްތިއުފާގެ ސިޓީގައި ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އޭނާއާއި ޕާޓީގެ އެހެން އިސް ބޭފުޅުންގެވެސް ހުރުމުގެ ސަބަބުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުއްޓެވެ. މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ޕާޓީގެ އެޑްވައިޒަރަށާއި ރައީސަށް ކަންކަން ނިންމުމުގައި އޭނާއަކީ "ހުރަހެއް" ކަމަށް ބެލެވޭ ބެލުން ނިމުމަކަށް ގެނައުމަށްޓަކައި މި ނިންމުން ނިންމެވި ކަމަށް ވިދާޅުވި އެވެ.
ފައްޔާޒުގެ ސިޓީގައި، ޗެއާޕާސަންކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދާ ދެމެދު އޮތް ނުތަނަވަސްކަން ފާހަގަކުރެއްވި އެވެ. އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެއްވި ނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީއާ ހަމައިން ޕާޓީ ދެފަޅިވެގެން ދިޔަ ގޮތް އޭނާ ވަނީ ތަފްސީލުކޮށްދެއްވާފައެވެ.
Ads by BMLސިޓީގައިވާ ގޮތުން، ޕްރައިމަރީގެ ކުރިން ދެ ބޭފުޅުން ޞުލްޙަ ކުރުމުގެ ގޮތުން މަޝްވަރާތަކެއް ކުރެވުނެވެ. ފުރަތަމަ، ރައީސް ނަޝީދުގެ ޓީމުން ހުށަހެޅީ ބަރުލަމާނީ ނިޒާމަށް ވޯޓެއް ނެގުމުގެ ޝަރުތުގެ މަތިން ޕްރައިމަރީގައި ވާދަ ނުކުރުމަށެވެ. އެކަން ކާމިޔާބު ނުވުމުން ދެން އެއްބަސްވެވުނީ، ރައީސް ޞާލިޙު ވާދަކުރައްވައި، ނިޒާމީ ވޯޓުގައި އެމްޑީޕީން ވަކި ކޮޅެއް ނުނެގުމަށެވެ.
"މި ޝަރުތުތަކަށް ދެފަރާތުން އެއްބަސްވުމުން ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހުނު،" ފައްޔާޒު ވިދާޅުވި އެވެ.
ނަމަވެސް، އެ އެއްބަސްވުމަށް އަމަލުނުކުރުމަށް ޕާޓީގެ ބައެއް އިސް ބޭފުޅުން ނިންމެވުމުގެ ސަބަބުން، ދެ ބޭފުޅުން ޕްރައިމަރީގައި ވާދަކުރައްވައި، ޕާޓީގެ ތެރޭގައި އޮތް ގުޅުން ކެނޑިގެން ދިޔަ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. "އެ ޕްރައިމަރީ ނިމުނުއިރު... އާއިލާއެއްގެ ގޮތުގައި އޮތް މި ޕާޓީ ދެފަޅިވެ، ރިޔާސީ އިންތިޚާބު ވެސް ގެއްލި ދިޔައީ އެވެ،" ސިޓީގައިވެ އެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ކުރިމަތިލުމުން، އެމްޑީޕީއާއި ދިމިޤްރެޓްސް ގުޅިގެން ކޯލިޝަނެއް ހެދުމަށް ކުރެއްވި މަސައްކަތަށް ތާއީދު ނުލިބުނު ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެކުގައި މަސައްކަތް ކުރެވުނުނަމަ މަޖިލިސް އިންތިޚާބު ކާމިޔާބުވީސް ކަމަށެވެ.
ފައްޔާޒު ވަނީ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ޕާޓީގެ އާންމު މެންބަރެއްގެ ގޮތުގައި ޕާޓީއަށް ކުރިއެރުން ހޯދައިދިނުމަށް ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
Ads by MACL
