ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވެމްކޯއަށް ކުނި އުފުލާ އިލެކްޓްރިކް އުޅަނދުތަކެއް ހަދިޔާކޮށްފި

ވެމްކޯއަށް ކުނި އުފުލާ އިލެކްޓްރިކް އުޅަނދުތަކެއް ހަދިޔާކޮށްފި

ވެމްކޯ (ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން) ގެ ރަށްރަށުގެ މަސައްކަތްތައް އިތުރަށް ތިމާވެއްޓާ ރައްޓެހިކޮށް، ރާއްޖޭގެ ރީތިކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން، އިލެކްޓްރިކް ކުނި އުފުލާ އުޅަނދުތަކެއް މިއަދު އެ ކޯޕަރޭޝަނާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި އުޅަނދުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ޔޫއެންޑީޕީ (ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް) ގެ ސަރަހައްދީ މަޝްރޫޢު ކަމަށްވާ "ދެކުނު، ދެކުނު އިރުމަތީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގައި ޕްލާސްޓިކް ކުނި މެނޭޖްކުރުމާއި ސަރކިއުލަރ އިންޓަވެންޝަންސް" ގެ ދަށުންނެވެ. މި މަޝްރޫޢަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ދަ ކޯކާ ކޯލާ ފައުންޑޭޝަން (ޓީސީސީއެފް) އިންނެވެ.

ވެމްކޯއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އިލެކްޓްރިކް އުޅަނދުތަކުގެ ސަބަބުން ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް އިތުރަށް ސާފުކޮށް ކުރިއަށް ގެންދިއުމަށް އެހީތެރިވެ، ރާއްޖޭގެ ތިމާވެށީގެ ރީތިކަން ދެމެހެއްޓުމަށް ބޮޑު އެހީއަކަށް ވާނެއެވެ.

މިފަދަ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ވެމްކޯގެ ފްލީޓަށް އިތުރުކުރުމަކީ، ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ދާއިރާއިން ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި އުޅަނދުތަކުގެ ސަބަބުން ރަށްރަށުގެ މަގުތަކުގައި ދުއްވުމުގެ އަޑު މަޑުވެ، ދުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެހީތެރިވެދޭނެއެވެ. މީގެ ކުރިން ވެސް ޔޫއެންޑީޕީގެ އެހީގައި ވެމްކޯއަށް އިލެކްޓްރިކް އުޅަނދުތައް ހަވާލުކޮށްފައިވާއިރު، މިއަދުގެ ހަވާލުކުރުމަކީ އެ މަސައްކަތުގެ ދެވަނަ ފިޔަވަހި ކަމަށް ބެލެވެއެވެ. މި މަޝްރޫޢުގެ ދަށުން ޕްލާސްޓިކް ކުނި މެނޭޖްކުރުމަށް އިތުރު ހައްލުތައް ހޯދުމަށް ވެމްކޯއާއި ޔޫއެންޑީޕީ ގުޅިގެން މަސައްކަތް ކުރަމުންދާނެއެވެ.