ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިލިމާލޭގައި 850 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް އަޅަން ހަވާލުކޮށްފި

ވިލިމާލޭގައި 850 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް އަޅަން ހަވާލުކޮށްފި

ވިލިމާލޭގައި މިހާރު ހުރި މަސްޖިދުއްސަލާމްގެ ބަދަލުގައި، 850 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފިޔަ ފައުންޑޭޝަނާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ފިޔަ ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. ފިޔަ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު މުހައްމަދު ވިޝާމްއެވެ.

ފިޔަ ފައުންޑޭޝަންގެ ދީލަތި އެހީގެ ދަށުން ބިނާކުރާ މި މިސްކިތަކީ ޖުމްލަ ދެ ބުރިއަށް ހަދާ ޒަމާނީ އިމާރާތެކެވެ. މި މިސްކިތުގައި ނަމާދުކުރާ ސަރަހައްދުގެ އިތުރުން، ދީނީ ތައުލީމު ދިނުމަށް ހާއްސަ ދެ ކްލާސްރޫމާއި، އިދާރީ މަސައްކަތްތަކަށް އޮފީސް ބައެއްވެސް ހިމެނޭނެއެވެ.

މާލެ ސަރަހައްދުގައި ހުރި ބައެއް ދުވަސްވީ މިސްކިތްތައް ތަޅާލައި، ރައްޔިތުންނަށް ފަސޭހަ ޒަމާނީ މިސްކިތްތައް ބިނާކުރުމަކީ އިސްލާމިކް މިނިސްޓްރީން ހިންގާ ސިލްސިލާ މަޝްރޫއުއެކެވެ. ވިލިމާލޭގައި އަޅާ އާ މިސްކިތަކީ ވެސް އެ މަޝްރޫއުގެ މުހިންމު ބައެކެވެ.