ވިލިމާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް: ރައްޔިތުންނަށް ޚާއްސަ 300 ޔުނިޓް އަޅަނީ
ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، އެ ރަށުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 300 ހައުސިން ޔުނިޓް އިމާރާތްކުރައްވާނެ ކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ދެއްވައިފި އެވެ. އެމަނިކުފާނު މިކަން އިއުލާންކުރެއްވީ، ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި 300 ޔުނިޓަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފައިނޭންސާއެކު މާލެ ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ 3,000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ތެރެއިން ހިމެނޭ ބައެކެވެ. އަދި މި ޔުނިޓްތައް އެއްކޮށް ޚާއްސަ ކުރެވިގެންދާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"މި 300 ހައުސިން ޔުނިޓް މި ވިލިމާލޭގައި އުޅޭ ރައްޔިތުންނަށް ޚާއްސަ ކުރާނީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
Ads by BMLމި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވިލިމާލޭގައި ވީހާވެސް ގިނަ ހައުސިން ޔުނިޓް ޤާއިމުކުރުން ކަމަށެވެ. އެހެންނަމަވެސް، މިވަގުތު ވިލިމާލޭގައި އެޅޭނެ ކަމަށް ފެންނަ އެންމެ ގިނަ އަދަދަކީ 300 ޔުނިޓް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، މި މަޝްރޫއު ހަވާލުކުރާނެ ކޮންޓްރެކްޓަރަކު ހޯދައި، އެ މަސައްކަތް މި އަހަރުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓަރު ވަނީ ރައްޔިތުންނަށް ދެއްވާފަ އެވެ.
Ads by MACL
