ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރަކަށް ރިޝްވާން އައްޔަން ކޮށްފި

މުހައްމަދު ރިޝްވާން
މުހައްމަދު ރިޝްވާން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ރިޝްވާން އައްޔަން ކޮށްފިއެވެ.

އެމްޕީއެލްގެ އެމްޑީ ކަމަށް ރިޝްވާން އައްޔަން ކޮށްފައިވާކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.

ޕީސީބީން ބުނީ، އެމްޕީއެލްގެ އެމްޑީ ކަމުގެ މަގަމަށާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް ހ. ހަބަރުގެ، މުހައްމަދު ރިޝްވާން މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ.

ރިޝްވާން އަކީ މީގެ ކުރިން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ ކަމާއި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމު ފުރުއްްވާފައިވޭ ބޭފުޅެކެވެ. އޭނާ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯއަކަށް އައްޔަން ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި ޑެޕިއުޓީ ކޮމިޝަރ އޮފް ޕޮލިސްގެ މަގާމަށް އޭނާ އައްޔަން ކޮށްފައިވަނީ 2010 ޖެނުއަރީ، 13 ގައެވެ. ނަމަވެސް އޭނާ ވަނީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެމްޕީއެލްގެ އެމްޑީ ކަމަށް ރިޝްވާން އައްޔަން ކޮށްފައިވަނީ އެ މަގާމު މީގެ ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޖީހު އައްޔަން ކުރެއްވީ ނޮވެމްބަރު 28، 2023 ގައެވެ.

ވަޖީހު ވަނީ އެމްޕީއެލްގައި ނުވަ އަހަރު ހޭދަކުރައްވައިފައެވެ. އެ އަހަރުތަކުގައި އޭނާ ވަނީ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމާއި ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ސީއީއޯގެ މަގާމު ފުރުއްވައިފައެވެ.