ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް "މަގޭ ސާފު ރާއްޖެ" މަހާސިންތާ ގަމުގައި ފަށައިފި

 "މަގޭ ސާފު ރާއްޖެ" މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ---
"މަގޭ ސާފު ރާއްޖެ" މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ---

ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދައި، ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި، "މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025" ގެ ނަމުގައި ބާއްވާ ޤައުމީ މަހާސިންތާ މިއަދު ލ. ގަމުގައި ފަށައިފިއެވެ. މި މަހާސިންތާ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން، ވޯލްޑް ބޭންކްގެ އެހީތެރިކަމާއެކު އިންތިޒާމުކޮށްފައިވާ މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ކުނި މެނޭޖްކުރުމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި މަޝްވަރާކޮށް، ދެމެހެއްޓެނިވި ޙައްލުތައް ހޯދުމެވެ. މިނިސްޓްރީން ސިފަކުރައްވާ ގޮތުގައި މިއީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ މުހިންމު ބައެކެވެ.

މި މަހާސިންތާގައި ކުނި މެނޭޖްކުރުމާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިތުރުން، މި ދާއިރާ ކުރިއެރުވުމަށް އެކުލަވާލާފައިވާ ސިޔާސަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް އެކަށޭނެ ގޮތަށް ކުނި މެނޭޖްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގެންގުޅޭ އެންމެ ކާމިޔާބު މޮޑެލްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގެ ތެރެއިން، ދާއިރާގެ ތަޖުރިބާކާރުންގެ ޢިލްމާއި ތަޖުރިބާގެ އަލީގައި ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލުކޮށް، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. ސަރުކާރުގެ އިސްވެރިންނާއި، ދާއިރާގެ ތަޖުރިބާކާރުން އަދި މަދަނީ ޖަމުޢިއްޔާތަކުގެ މަންދޫބުން ހިމެނޭ ގޮތަށް ޖުމްލަ 200 ފަރާތެއް މި މަހާސިންތާގައި ބައިވެރިވެއެވެ.