މިލަންދޫ ފަރަށްއެރި ބޯޓު 12 މިލިއަނުން ޖޫރިމަނާކޮށް ފައިސާ ދައްކަން އަންގައިފި
ށ. މިލަންދޫ ފަރަށް މިދިޔަ އަހަރު އެރި ސިންގަޕޫރު ކުންފުންޏެއްގެ ޓަގު ބޯޓަކުން ފަރަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ބަދަލެއްގެ ގޮތުން، އެ އުޅަނދުގެ ވެރިފަރާތް 12 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މިލަންދޫ ފަރަށް އަރާފައިވަނީ ރިޕަބްލިކް އޮފް ނިއުގިނީގައި ރަޖިސްޓަރީކޮށްފައިވާ "ޝްވޭ ލިން ޔޯން" ނަމަކަށް ކިޔާ ޓަގު ބޯޓެކެވެ. މި ބޯޓު ރާއްޖެ އައިސްފައިވަނީ ލޯކަލް އެޖެންޓެއްގެ ގޮތުގައި އެޓޯލް ނެވިގޭޝަން ސާވިސަސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިގެންނެވެ.
ފަރަށް އެރުމުގެ ސަބަބުން ތާށިވެފައި އޮތް މި ބޯޓު ފުންކުރެވުނީ ހާދިސާ ހިނގިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުން، އޮކްޓޯބަރު 19 ގައެވެ. އެއަށްފަހު ފަރަށް ލިބުނު ގެއްލުންތައް ވަޒަންކުރުމަށްޓަކައި އީއާރުއޭއާއި ބޯޓުގެ ވެރިފަރާތުގެ ސާވޭޔަރުން ގުޅިގެން މިދިޔަ ނޮވެމްބަރު މަހު ޚާއްސަ ސާވޭއެއް ކުރިއަށް ގެންގޮސްފައިވެއެވެ.
Ads by BMLމި ސާވޭގެ ރިޕޯޓުން ދައްކާ ގޮތުގައި ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރުގެ 477 އަކަމީޓަރުގެ ސަރަހައްދެއް ވަނީ މުޅިން ހަލާކުވެފައެވެ.
މިކަމާ ގުޅިގެން، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އީއާރުއޭއިން ނިންމާފައިވަނީ ބޯޓުގެ ވެރި ކުންފުނި ކަމަށްވާ ސިންގަޕޫރުގެ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑް 12,006,200 (ބާރަ މިލިއަން ހަހާސް ދުއިސައްތަ) ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި މިއަދަދު 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މިދިޔަ ބުދަ ދުވަހު އެ ކުންފުންޏަށް އަންގާފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.
Ads by MACL
