ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައްޑޫގައި ސިޒޭރިއަން ހެދި ޒުވާން މައެއްގެ ފުރާނަ ގެއްލި، ތުއްތު ދަރިފުޅަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި

އައްޑޫގައި ސިޒޭރިއަން ހެދި ޒުވާން މައެއްގެ ފުރާނަ ގެއްލި، ތުއްތު ދަރިފުޅަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި

އައްޑޫ ސިޓީ ހިތަދޫގައި ހިންގާ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ގައި ސިޒޭރިއަން ހެދި އުމުރުން 28 އަހަރުގެ ޒުވާން އަންހެނަކު ހާލު ދެރަވެގެން އިތުރު ފަރުވާއަށް ގެންދިޔަ މަގުމަތީގައި ނިޔާވެ، އޭނާގެ ދަރިފުޅުގެ ހާލު ސީރިއަސްވުމާ ގުޅިގެން ފަރުވާދޭން ފަށައިފިއެވެ.

މި ހިތާމަވެރި ހާދިސާގައި އިއްޔެ ނިޔާވެފައިވަނީ ސ. ހިތަދޫ، ތަމަންނާގެ، އައިޝަތު ނަޒާހަތު އަޙްމަދުދީދީއެވެ. ސިމްޑީ ގްރޫޕުގެ ދަށުން ހިންގަމުން އަންނަ އައިއެމްޑީސީގައި ހެދި ސިޒޭރިއަނަށްފަހު ނަޒާހަތުގެ ހާލު ކުއްލިއަކަށް ގޯސްވުމުން، އެމަޖެންސީ ހާލަތުގައި އޭނާ ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބަދަލުކޮށްފައެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭއީއެޗްއަށް ގެންދިޔައިރު ވެސް ނަޒާހަތުގެ ފުރާނަ ވަނީ ގޮސްފައެވެ. މައިމީހާ ނިޔާވިއިރު، އޭނާ ވިހެއި ތުއްތު ދަރިފުޅުގެ ހާލުވެސް ސީރިއަސް ކަމަށް ވެއެވެ. އެ ކުއްޖާއަށް މިވަގުތު ފަރުވާ ދެމުން އަންނަނީ އޭއީއެޗްގެ އެންއައިސީޔޫގައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތު މިނިސްޓްރީން މިހާރު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މީގެ އިތުރުން އައިއެމްޑީސީ އާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވެސް ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.