ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާޓީން ވަކިކުރުމުން ރިފެރެންޑަމް ނަގާ ގޮތަށް އޮތް މާއްދާ އުނިކޮށް، ގޮނޑި ގެއްލޭ އިސްލާހަށް ބަދަލު ގެނެސްފި

ޕާޓީން ވަކިކުރުމުން ރިފެރެންޑަމް ނަގާ ގޮތަށް އޮތް މާއްދާ އުނިކޮށް، ގޮނޑި ގެއްލޭ އިސްލާހަށް ބަދަލު ގެނެސްފި

ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ކަނޑައެޅުމަށް ސަރުކާރުން ހުށަހެޅި މާއްދާ، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު އުނިކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ހުށަހެޅުއްވި ބިލުގައި ފުރަތަމަ ހިމަނާފައިވަނީ، ޕާޓީން ވަކިކުރާ ހާލަތްތަކުގައި މެންބަރުކަމުން ވަކިކުރުމާމެދު ގޮތެއް ނިންމާނީ ރިފެރެންޑަމްއަކުން ކަމަށެވެ. އަދި އެ ވޯޓުން މެންބަރު ވަކިކުރަން ނުފެންނަ ކަމަށް ނިންމައިފިނަމަ، އެ މެންބަރަކު ހުންނާނީ މިނިވަން މެންބަރެއްގެ ގޮތުގައި ކަމަށާއި، ގޮނޑި ގެއްލޭނީ ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ސޮއިކޮށްފިނަމަ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް މިއަދު ކުރިއަށްދިޔަ ކޮމިޓީ މަރުހަލާގައި ގިނަ މެންބަރުން ވަނީ މިކަމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. މެންބަރުން ފާހަގަކުރެއްވި ގޮތުގައި ރައްޔިތުން މެންބަރަކު ހޮވަނީ ވަކި ފިކުރަކަށް ނުވަތަ ޕާޓީއަކަށް އިތުބާރުކޮށްފައެވެ. އެހެންކަމުން ޕާޓީން ވަކިކުރުމުން މެންބަރުކަމުގައި ދެމިހުރުމުގެ ފުރުސަތު އޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، ރިފެރެންޑަމް ނެގުމަކީ ދައުލަތަށް ޚަރަދު ބޮޑުވެ، އެއް ދާއިރާއެއްގައި ތަކުރާރުކޮށް އިންތިޚާބީ ކަންކަން ހިންގަންޖެހޭނެ ކަމެއް ކަމަށް މެންބަރުން ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ބައި އިލެކްޝަނެއް ބޭއްވުން މާ ރަނގަޅު ކަމަށް މެންބަރުން ޚިޔާލު ފާޅުކުރެއްވިއެވެ.

މި ބަހުސްތަކަށްފަހު، ރިފެރެންޑަމް ނެގުމާ ގުޅޭ މާއްދާ ބިލުން އުނިކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ތާޢީދުކުރެއްވި މި ހުށަހެޅުން ކޮމިޓީން ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ.

މީގެ އިތުރުން، މި ބިލުގައި ހިމެނޭ އަތޮޅު ކައުންސިލްތައް އުވާލުމުގެ އިސްލާހަށްވެސް ކޮމިޓީ މަރުހަލާގައި ވަނީ ވޯޓަށް އަހާފައެވެ. ގިނަ މެންބަރުންގެ ތާޢީދާއެކު އެ އިސްލާހު ފާސްވީ 52 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.