ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިލިމާލެއަށްފަހު، ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވަން ރައީސް މުއިއްޒު މައްޗަންގޮޅިއަށް!

ވިލިމާލެއަށްފަހު، ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވަން ރައީސް މުއިއްޒު މައްޗަންގޮޅިއަށް!

ވިލިމާލޭ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަށްޓަވާފައިވާ ސިލްސިލާގެ ދެވަނަ ބައްދަލުވުން މައްޗަންގޮޅީގެ ރައްޔިތުންނާއެކު މާދަމާ ރޭ ބޭއްވުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި، މި ބައްދަލުވުން ކުރިއަށްދާނީ މާދަމާ ރޭ 8:30 ގައި އަމީނިއްޔާ ސްކޫލުގައެވެ. އަދި މިއީ މައްޗަންގޮޅީގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ބައްދަލުވުމެއްކަން ފާހަގަކުރައްވައި، ހީނާ ވަނީ އެ އަވަށުގެ އެންމެހައި ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

މާލޭގެ ހުރިހާ އަވަށްތަކެއްގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެމީހުންގެ ޚިޔާލާއި ކަންބޮޑުވުންތައް އޮޅުންފިލުއްވާނެ ކަމަށް ރައީސް މުއިއްޒު އިއުލާންކުރެއްވީ، މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ ހަފުތާގައި ބޭއްވި ޖަލްސާގައެވެ.

މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ރައީސް ވަނީ ރޭގައި ވިލިމާލޭގެ ރައްޔިތުންނާއެކު އެ އަވަށުގައި ބާއްވަވާފައެވެ. ޓީވީތަކުން ވަގުތުން ދެއްކި އެ ބައްދަލުވުމުގައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، އެމީހުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި ބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނާ އިތުރަށް ގާތްވެ، ސަރުކާރު ހިންގުމުގައި ރައްޔިތުންގެ އަޑުއެހުމެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރެއްވުމަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވާ ކަމެކެވެ.