ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކައުންސިލްތަކުގެ އޮނިގަނޑަށް ބޮޑު ބަދަލެއް: އަތޮޅު ކައުންސިލްތައް އުވާލަން ކޮމިޓީން ފާސްކޮށްފި

ކައުންސިލްތަކުގެ އޮނިގަނޑަށް ބޮޑު ބަދަލެއް: އަތޮޅު ކައުންސިލްތައް އުވާލަން ކޮމިޓީން ފާސްކޮށްފި

ލާމަރުކަޒީ ނިޒާމަށް އަދި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި މުހިންމު އިސްލާޙުތަކެއް ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީއަކުން ފާސްކޮށްފިއެވެ. މި ބަދަލުތަކުގެ ތެރޭގައި އަތޮޅު ކައުންސިލްތައް އެއްކޮށް އުވާލުމާއި، ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު އާބާދީއަށް ނިސްބަތްވާ ގޮތަށް ބަދަލުކުރުން ހިމެނެއެވެ.

ރަށު ކައުންސިލްތަކަށް އަންނަ އެންމެ ބޮޑު އެއް ބަދަލަކީ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި އާބާދީއަށް ބެލުމެވެ. އެގޮތުން، އާބާދީގައި 2000 އަށްވުރެ މަދު މީހުން ހިމެނޭ ރަށްރަށުގެ ކައުންސިލްތައް، ރައީސް ހިމެނޭ ގޮތަށް ތިން މެންބަރުންގެ މައްޗަށް އެކުލެވިގެންވާނެއެވެ. އާބާދީ 2000 އަށްވުރެ މަތި ރަށްރަށުގެ ކައުންސިލްތައް، ރައީސްއާއެކު ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާނެއެވެ. މިހާރު އަމަލުކުރާ ޤާނޫނުގައިވާ ގޮތުން ކޮންމެ ރަށު ކައުންސިލެއްގައި ފަސް މެންބަރުން ތިއްބަވަންޖެހެއެވެ. އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިތަކަށް ބަލާއިރު، ތިން މެންބަރުންގެ ކައުންސިލްތަކުގައި އެއް ގޮނޑި އަދި ފަސް މެންބަރުންގެ ކައުންސިލްތަކުގައި ދެ ގޮނޑި އަންހެނުންނަށް ޚާއްސަކުރެވިގެންދާނެއެވެ.

ރަށު ކައުންސިލްތަކުގެ އިތުރުން، ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. މާލެ އާއި ފުވައްމުލައް ފިޔަވައި އެހެން ސިޓީތަކުގެ އާބާދީ 10،000 އާއި 25،000 އާ ދެމެދުނަމަ މޭޔަރާއެކު ހަތް ކައުންސިލަރުން، 25،000 އާއި 50،000 އާ ދެމެދުނަމަ 11 ކައުންސިލަރުން އަދި އާބާދީ 50،000 އަށްވުރެ މަތިނަމަ 15 ކައުންސިލަރުން ތިބޭނެއެވެ.

މި އިސްލާޙުތަކާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ކޮމިޓީގެ މެންބަރުންގެ އަދަދު، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަރުންގެ އަދަދާ އެއްވަރުވާނެއެވެ. އަދި ކޮމިޓީގެ ރައީސްގެ މަޤާމަކީ ފުލްޓައިމް މަޤާމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ޤާނޫނަށް ގެނެވޭ އެންމެ ބޮޑު ސިޔާސީ އެއް ބަދަލަކީ، ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީއަކާ ގުޅުމުން ކައުންސިލްގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅާފައިވާ އިސްލާޙެވެ. މި އިސްލާޙުގައިވާ ގޮތުން، ވަކި ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވި ކައުންސިލަރަކު ޕާޓީން ވަކިވުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން ގޮނޑި ގެއްލޭނެއެވެ. ހަމައެއާއެކު، އަމިއްލަ ގޮތުން އިންތިޚާބުވި ކައުންސިލަރަކު ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަ، އެ ކައުންސިލަރެއްގެ ގޮނޑިވެސް ގެއްލޭނެއެވެ.