އެމްޑީޕީން ދޫކޮށްލީ 10 ބިލިއަންގެ ދަރަންޏާއެކު ބަނގުރޫޓުވެފައިވާ ގައުމެއް: ފަލާޙް
ކުރީގެ އެމްޑީޕީ ސަރުކާރުން ވެރިކަން ދޫކޮށްލީ ދައުލަތުގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭ ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާގެ ބިލުތައް ނުދައްކާ، ގައުމު "ބަނގުރޫޓުކޮށްލާފައި" އޮއްވާ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް މިއަދު ތުހުމަތުކުރައްވައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ފަލާޙް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރާ ހަވާލުވީ މާލީ ގޮތުން ދަތި ހާލަތެއްގައި އޮތް ގައުމެއް ކަމަށާއި، އެ ހާލަތުން ގައުމު ސަލާމަތްކުރީ މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުން ކަމަށެވެ.
ފަލާޙް ވިދާޅުވީ، މި ސަރުކާރު އައިސް، ކުރީ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 200 މިލިއަން ރުފިޔާއާއި، އާރުޑީސީ، ފެނަކަ އަދި އާސަންދައިގެ އެތައް ބިލުތަކެއް ދައްކައި ޚަލާޞްކުރަން ޖެހުނު ކަމަށެވެ. އެމްޑީޕީން ހިންގި މަޝްރޫއުތަކަކީ ހުސް ދަރަންޏަށް ހިންގި ކަންކަން ކަމަށް ތުހުމަތުކުރައްވައި، އިމާރާތްތަކުގެ ބިންގާ އަޅާފައި ހުރީވެސް ފައިސާ ނުދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLމި ސަރުކާރު އިނދަޖައްސާލުމުގެ ނިޔަތުގައި އެމްޑީޕީން މަސައްކަތްކުރި ކަމަށް ވިދާޅުވެ، 2024 ވަނަ އަހަރުގެ ބަޖެޓަށް ބަދަލުތަކެއް ގެނައުމަށް އެދުމުންވެސް، އޭރުގެ މެޖޯރިޓީއިން އެކަމަށް ފުރުސަތު ނުދީ ބަޖެޓު ފާސްކުރިކަން ފަލާޙް ފާހަގަކުރެއްވިއެވެ. ނަމަވެސް، އެ ހުރިހާ ގޮންޖެހުންތަކާއެކުވެސް ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާކަން އެމްޑީޕީ މެންބަރުންވެސް ގަބޫލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގައި އެމްޑީޕީ މެންބަރުން ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތައް ކަމަށް ސިފަކުރައްވައި ފަލާޙް ވަނީ ވަރުގަދަ އިބާރާތަކުން ފާޑުވިދާޅުވެފައެވެ. "ހަގީގަތުގައި ބޮޑެތި ސިންގާ ދޮގު ހަދާ ގަޑީގައި ވަގުތުން އަނގަޔަށް ކަމެއް ވަންޏާ، މިތާ ނުތިބޭނެ އަނގައިން ބުނެވޭނެ އެންމެ އެމްޑީޕީ މެންބަރެއް ވެސް. އެ ވަރަށް ދޮގު ހަދާ އެބަ،" ފަލާޙް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ބަޖެޓު ރަނގަޅަށް ތަންފީޒުކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން އިދިކޮޅު ޕާޓީތައް، ހާއްސަކޮށް އެމްޑީޕީ، މިހާރު އިނދަޖެހެމުން އަންނަ ކަމަށެވެ. ޕާޓީގެ އިސް މަގާމުތަކުން މެންބަރުން އިސްތިއުފާދިނުމާއި، ގޮވާލި ނަމަވެސް މީހުން އެއްނުވާކަން އެއީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by MACL
