ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކައުންސިލާއި މަޝްވަރާނުކޮށް، ފާސްނުކޮށް އެއްވެސް ބިމެއްދީފައި ނުވާނެ، ކޮސް ނުގޮވާ ހަމަޖެހޭ ވާހަކަ ދައްކާ: ނަރީޝް

ކައުންސިލާއި މަޝްވަރާނުކޮށް، ފާސްނުކޮށް އެއްވެސް ބިމެއްދީފައި ނުވާނެ، ކޮސް ނުގޮވާ ހަމަޖެހޭ ވާހަކަ ދައްކާ: ނަރީޝް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނަވައިގެން ކައުންސިލާއި މަޝްވަރާނުކޮށް އަދި ފާސްނުކޮށް އުސޫލުން ބޭރުން ބިން ދޫކުރެއްވި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ 'ކޮސް ގޮވުން' ކަމަށާއި, ހަމަޖެހޭ ވާހަކަ ދެއްކުމަށް ޔޫތު މިނިސްޓްރީގެ އެޑްވައިޒަރ އަޙްމަދު ނަރިޝް ގޮވާލައްވައިފިއެވެ.

ނަރިޝް ވަނީ އެ ތުހުމަތުތައް މުޅިން ދޮގުކުރައްވައި, މުއިއްޒުގެ މޭޔަރުކަމުގައި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ނަރިޝް މިހެން ވިދާޅުވީ, "އަދަދު" ނޫހުގައި ޝާއިޢުކުރި އާޓިކަލަކަށް ރައްދު ދެއްވުމުގެ ގޮތުން މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީ މޭޔަރަކަށް ހުންނެވި ދުވަސްވަރު ކައުންސިލާއި މަޝްވަރާ ނުކޮށް އަދި ކައުންސިލުން ފާސްނުކޮށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ އަދި މާލެ / ވިލިމާލޭ އެއްވެސް ބިމެއް ކައުންސިލުން ފާސްނުކޮށް އުސޫލުން ބޭރުން ދޫކޮށްފައި ނުވާނެ!" ނަރިޝްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އޭނާގެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ, ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ނުވާނެކަން އެނގުމުން އިދިކޮޅު ފަރާތްތަކުން މިފަދަ ދޮގު ވާހަކަ ދައްކަން ފަށާފައިވާ ކަމަށެވެ.

"ކުރިޔަށް އޮތް ލޯކަލް ކައުންސިލް. އިންތިހާބު ކާމިޔާބު ވާނޭ ހަމަ އެއްވެސް ގޮތެއް ނެތީމާ ނިކުމެ ކޮސް ގޮވަން ފެއްޓީމައި ކަމަކު ނުދާނެ! ނިކަން ހަމަޖެހޭ ވާހަކަ ދައްކަމާ ހިނގާ!!" ނަރިޝް ގޮވާލެއްވިއެވެ.

"އަދަދު" ނޫހުގެ އާޓިކަލްގައި ތުހުމަތުކޮށްފައިވަނީ ޑރ. މުއިއްޒު މާލޭގެ މޭޔަރުކަމުގެ ދައުރުގައި ވިޔަފާރި ބޭނުމަށް މާލެއާއި ވިލިމާލެއިން ބިންތައް ދޫކުރީ ކައުންސިލުން ފާސްނުކޮށް, އުސޫލާ ޚިލާފަށް ކަމަށެވެ.

ނަރީޝް ވަނީ އެއީ ހަގީގަތާ ޚިލާފު, ހުސް ދޮގެއް ކަމަށް ސިފަކުރައްވާފައެވެ.