ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގޯތި ދިނުމަށް ހުޅުމާލެ 3 އާއި ގިރާވަރު ފަޅު ހިއްކުން އަވަސްކުރަނީ: އިތުރު ޑްރެޖަރެއް ރާއްޖެ ގެނެސްފި

ގޯތި ދިނުމަށް ހުޅުމާލެ 3 އާއި ގިރާވަރު ފަޅު ހިއްކުން އަވަސްކުރަނީ: އިތުރު ޑްރެޖަރެއް ރާއްޖެ ގެނެސްފި

މާލޭގެ ރައްޔިއްތުންނަށް ގޯތި ދިނުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމަށާއި ގިރާވަރު ފަޅު ހިއްކުމަށް ބޭނުންކުރާ އިތުރު ޑްރެޖަރެއް މިއަދު ރާއްޖެ ގެނެސްފި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، މި ޑްރެޖަރާ އެކު ހުޅުމާލެ ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ފަހުކޮޅާ ހަމައަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ތިންވަނަ ފިޔަވަހިއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތަށް އާ ޑްރެޖަރު ބޭނުންކުރަން މާދަމާ ފަށާނެ ކަމަށެވެ. މިހާރު ވެސް ހުޅުމާލެ ތިނެއް ހިއްކުމުގެ މަސައްކަތްކުރާ ޑްރެޖަރާ އެކު، މި މަސައްކަތުގެ ސްޕީޑު އަވަސްކޮށް އަންނަ މަހުގެ ފަހުކޮޅަށް އެއްކޮށް ހިއްކާ ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ގިރާވަރު ފަޅު ހިއްކުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ ސަރަހައްދުގައި "ބަންޑް ވޯލް" ގެ މަސައްކަތް ފަށާނީ އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އާއި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ފަހު ކަމަށެވެ. އަދި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ނިމުމުން، މި ދެ ޑްރެޖަރު ވެސް ބޭނުންކުރާނީ ގިރާވަރު ފަރު ހިއްކުމުގެ މަސައްކަތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެ މަނިކުފާނު އަންދާޒާ ކުރައްވާ ގޮތުގައި ގިރާވަރު ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމޭނެ އެވެ.

ގޯތި ދިނުމަށް ހުޅުމާލެ ތިންވަނަ ފިޔަވަހީގެ އެއްބައި ހިއްކުމަށް ފަހު، އެ މަސައްކަތް ކުރިން މަޑުޖެހިފައި އޮތެވެ. އެކަމަކު މި މަހުގެ 10 ވަނަ ދުވަހު ވަނީ ހުޅުމާލެ ތިނެއްގެ ބާކީ 38 ހެކްޓަރުގެ ބިން ހިއްކަން އަލުން ފަށައިފަ އެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ހުޅުމާލެ ތިނެއް ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

ގޯތި ދޫކުރުމުގެ މަޝްރޫއުތަކަށް ބަލާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހި، އަލަށް ހިއްކާ ހުޅުމާލެ ތިންވަނަ ފިޔަވަހި، ގުޅިފަޅު އަދި ގިރާވަރު ފަޅުން ޖުމުލަ 9،000 ގޯތި ދޫކުރަން ނިންމައިފަ އެވެ. އޭގެ ތެެރެއިން ގިނަ ބަޔަކަށް ރަޖިސްޓްރީ ދީ، ބައެއް މީހުންނަށް ބިންތައް ވެސް އޭރު ދީފައިވެ އެވެ. ނަމަވެސް، މި ސަރުކާރު އައި ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން، ބައެއް މީހުންނަށް ބިން ލިބޭ ތަންތަން ބަދަލުވެފައިވާތީ ގޯތީގެ ރަޖިސްޓްރީ އަލުން ވަނީ ހަވާލުކޮށްފަ އެވެ.

https://twitter.com/MMuizzu/status/1993283109123432547?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1993283109123432547%7Ctwgr%5E3716690d8f2cb05da255fc528bae29646a746257%7Ctwcon%5Es1_&ref_url=https%3A%2F%2Fmihaaru.com%2Fnews%2F151783

މާލޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ރަސްމާލެއިން 15،000 ގޯތި ދޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ރަސްމާލެއާއި އުތުރުތިލަފަޅުން ގޯތި ދިނުމަށް އެ ތަން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އިތުރު ޑްރެޖަރުތައް ގެނެސް، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ރަސްމާލެ އެއްކޮށް ހިއްކާ ނިމޭނެ ކަމަށެވެ. އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުން، އޭގެ ދެ ގުނަ ބޮޑު ސަރަހައްދެއް ކަމަށް ރައީސް ކުރިން ވިދާޅުވެފައި ވެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކުން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ބިންތައް ހިއްކަން އެ ކުންފުނިން މި އަހަރު ތިން ޑްރެޖަރު ގެންނާނެ ކަން ރައީސް މުއިއްޒު ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އިއުލާން ކުރައްވައިފަ އެވެ. ރައީސް އެ މަހު ވިދާޅުވެފައި ވަނީ މި ނޮވެމްބަރު މަހުގެ ތިންވަނަ ހަފުތާގެ ތެރޭގައި 45،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ރާއްޖެ ގެންނާނެ ކަމަށާއި އެ ޑްރެޖަރުން މަސައްކަތް ކުރާނީ ރަސްމާލެއަށް ބޭނުންވާ ބިން ހިއްކަން ކަމަށެވެ.