އައިނު އެލަވަންސް ބޮޑުކުރުމާއެކު، ފަސް މަސް ދުވަހުގެ ތެރޭގައި 47 މިލިޔަން ރުފިޔާ ޚަރަދުކޮށްފި
އާސަންދައިގެ ދަށުން އައިނު ހެދުމަށް ދޭ އެލަވަންސް 2000 ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެން، ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި އެކަމަށް 47 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ޚަރަދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ އޮޕްޓިކަލްތަކުން ޚިދުމަތް ހޯދި ފަރާތްތަކެވެ. އެގޮތުން، ޖޫން މަހުން ފެށިގެން އަމިއްލަ 17,117 ފަރާތަކަށް އައިނު ހަދައިދިނުމަށް 32.6 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް 7,382 މީހަކު އައިނު ހަދާފައިވެއެވެ. އެކަމަށް އާސަންދާ ސްކީމުން ޖުމްލަ 14.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މިއަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާސަންދައިން އައިނު ހެދުމަށް ދޭ އެހީ 2,000 ރުފިޔާއަށް އިތުރުކޮށްފައެވެ. މީގެކުރިން މިކަމަށް ކޮންމެ ދެ އަހަރަކުން އެއް އަހަރު ޚަރަދުކުރެވެމުން އައީ އެންމެ 1,000 ރުފިޔާއެވެ.
Ads by MACL
