މަތީ ތަޢުލީމު ފުޅާކުރުމަށް ދެ އަހަރުން 1.9 ބިލިއަން ރުފިޔާގެ ބޮޑު ހޭދައެއް: 11،000 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުޞަތު!
ޤައުމަށް ބޭނުންވާ މުހިއްމު ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް މަތީ ތަޢުލީމުގެ ސްކީމްތަކަށް 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ހަފުތާ 104" ޕްރޮގްރާމުގައި ވުޒާރާގެ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ޙިއްސާކުރައްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ބޮޑު އިންވެސްޓްމަންޓަކީ ޤައުމީ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކަށް އަމާޒުކޮށްގެން ހިންގުނު ސްކޮލަރޝިޕް ސްކީމްތަކާއި، ލޯނު ސްކީމްގެ އިތުރުން ފުރަތަމަ ޑިގްރީ ސްކީމް މެދުވެރިކޮށް ކޮށްފައިވާ ހޭދައެކެވެ.
މިދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ ލޯނު ސްކީމަށް ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވި ހުރިހާ ދަރިވަރުންނަށް އެ ފުރުޞަތު ފަހިކޮށްދީފައިވާކަން ވަޒީރު އުފަލާއެކު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ލޯނު ދޫކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދެއްގެ ދަށުން، ޓެކްނިކަލް ނުވަތަ ފަންނީ ދާއިރާތަކަށް އިސްކަންދީފައިވާނެ ކަމަށެވެ.
Ads by BML"ރައީސް ނިންމަވާފައި އޮތީ ލޯނު ސްކީމުގެ މަދުވެގެން ދެބައިކުޅަ އެއްބައި ހައިލީ ޓެކްނިކަލް ދާއިރާތަކުން ކިޔެވުމަށް ފުރުޞަތު ދިނުމަށް. މީގެ ތެރޭގައި އިންޖިނިއަރިންގ އާއި މެޑިސިން ފަދަ ދާއިރާތައް ހިމެނޭ،" ޑރ. ޢަލީ ޙައިދަރު ވިދާޅުވިއެވެ.
މީގެއިތުރުން، ދަރިވަރުންނަށް ލޯނުގެ ފުރުޞަތު ފަހިކޮށްދިނުމެކޭ އެއްފަދައިން، ކިޔަވައި ނިމުމަށްފަހު އެ ފައިސާ އަނބުރާ ދެއްކުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ވަޒީރު އަލިއަޅުވާލެއްވިއެވެ. އެގޮތުން ލޯނު އަނބުރާ ދެއްކުމަށް ބާރުއެޅުމުގެ ގޮތުން އެކުލަވާލެވުނު ސިޔާސަތު ކަރުދާހެއް މިހާރު ރައީސް އޮފީހަށް ފޮނުއްވާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.
ރާއްޖެއިން ބޭރުގެ ޤައުމުތަކާއެކު އޮންނަ ގުޅުމުގެ ތެރެއިން ހޯދޭ ސްކޮލަރޝިޕްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޝަރުތުހަމަވާ ކޮންމެ ކުއްޖަކަށް ފުރުޞަތު ދިނުމަށް މަސައްކަތްކުރައްވާ ކަމަށެވެ. ނަމަވެސް، ލިބޭ ބައެއް ފުރުޞަތުތަކަށް އެކަށީގެންވާ ޢަދަދަށް ދަރިވަރުން ކުރިމަތިނުލާކަން ފާހަގަކުރެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޖުމްލަ 11،252 ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އޭގެ ތެރޭގައި:
-
ފުރަތަމަ ޑިގްރީ ސްކީމް: 8445 ދަރިވަރުން
-
ލޯނު ސްކީމް: 2108 ދަރިވަރުން
-
ސްކޮލަރޝިޕް: 699 ދަރިވަރުން ހިމެނެއެވެ.
އަންނަ އަހަރުގެ ބަޖެޓަށް ބަލާއިރުވެސް މަތީ ތަޢުލީމަށް ބޮޑު އިސްކަމެއް ދީފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ސްކޮލަރޝިޕާއި ހިލޭ ޑިގްރީއަށް 619.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއީ މިއަހަރާ އަޅާބަލާއިރު %29.4 ގެ އިތުރުވުމެކެވެ. އަދި ލޯނު ސްކީމަށް 776.6 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، މިއީ އާ 500 ދަރިވަރުންނާއެކު ޖުމްލަ 3258 ދަރިވަރުންގެ ލޯނުގެ ކަންކަން ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ޢަދަދެކެވެ.
Ads by MACL
