ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރޮނާލްޑޯ ސަސްޕެންޑްވާނެ ކަމުގެ އުފަލުގައި ތިބި މީހުންނަށް! އުއްމީދު ތިޔަކުރީ ގޯސްކޮށް، ރޮނާލްޑޯ ސަސްޕެންޑް ނުކުރި!

ރޮނާލްޑޯ ސަސްޕެންޑްވާނެ ކަމުގެ އުފަލުގައި ތިބި މީހުންނަށް! އުއްމީދު ތިޔަކުރީ ގޯސްކޮށް، ރޮނާލްޑޯ ސަސްޕެންޑް ނުކުރި!

ވޯލްޑް ކަޕް ކޮލިފައިންގައި ދެއްކި ރަތް ކާޑާ ގުޅިގެން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދިގު މުއްދަތުގެ ސަސްޕެންޝަނެއް އައިސް، އޭނާއަށް މުބާރާތުގެ ފުރަތަމަ މެޗު ގެއްލޭނެ ކަމަށް ބަޔަކު އުއްމީދުކޮށްގެން ތިބި ނަމަވެސް، ފީފާއިން އެ ނިންމުން ނިންމީ އެފަރާތްތަކުގެ އުއްމީދުތަކާ މުޅިން ޚިލާފަށެވެ.

ފީފާއިން ކަނޑައެޅީ އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯއަށް ދެއްކި ރަތް ކާޑުގެ ސަބަބުން އަންނަ ސަސްޕެންޝަނަކީ އެންމެ މެޗެއް ކަމަށާއި، އެހެންކަމުން އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕްގެ ފުރަތަަމަ މެޗުގައި ކުޅުމުގެ ފުރުސަތު ރޮނާލްޑޯއަށް ނުގެއްލޭނެ ކަމަށެވެ.

މިކަން މެދުވެރިވީ އަޔަލެންޑް އަތުން 2-0 އިން ޕޯޗުގަލް ބަލިވި މެޗުގެ 61 ވަނަ މިނިޓްގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެންނެވެ. އުމުރުން 40 އަހަރުގެ ރޮނާލްޑޯއަށް އެ މެޗުގައި ސީދާ ރަތް ކާޑެއް ދެއްކީ އަޔަލެންޑުގެ ޑަރަ އޯޝެއާ އަށް ފައުލުކުރުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށް ފަހުގައެވެ. ފާހަގަކޮށްލެވޭ ކަމަކީ މިއީ ޕޯޗުގަލް ޖާޒީގައި ރޮނާލްޑޯ ކުޅުނު 226 މެޗުގެ ތެރެއިން އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކި ފުރަތަމަ ފަހަރު ކަމެވެ.

އެ ރަތް ކާޑާ ގުޅިގެން، ޕޯޗުގަލް އިން 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އަރްމީނިއާ ބަލިކޮށް ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރި މެޗުގައި ރޮނާލްޑޯ ހުރީ ސަސްޕެންޝަނުގައެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބީ ރަތް ކާޑުގެ ސަބަބުން ތިން މެޗުގެ ސަސްޕެންޝަނެއް އަތުވެދާނެ ކަމަށާއި، އެގޮތަށް އެކަން ނިމިއްޖެނަަމަ، ވޯލްޑް ކަޕްގައި ޕޯޗުގަލް އިން ކުޅޭ ފުރަތަަމަ ދެ މެޗު ރޮނާލްޑޯ އަށް ގެއްލޭނެ ކަަަމަށެވެ.

ނަމަވެސް، ފީފާގެ ނިންމުމާއެކު މިހާރު ވަނީ އެ ބިރު ފިލާފައެވެ. ފީފާ އިން ނިންމީ، ރޮނާލްޑޯގެ އެ އަމަލަށް އެއް މެޗުގެ ސަސްޕެންޝަނެއް ރަނގަޅު ކަމަށެވެ. އޭގެ މާނަ އަކީ، އަރްމީނިއާ މެޗުގައި ރޮނާލްޑޯ ނުކުޅެ ހުރުމުން، އެ ރަތް ކާޑަށް ދިން ސަސްޕެންޝަނުގެ އަދަބު އޭނާ މިހާރު ވަނީ ފުރިހަމައަށް ތަންފީޒުކޮށް ނިންމާފައެވެ.