ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޯހިޔާވަހިކަމުގެ ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ތަކުރާރުކުރައްވައިފި

ބޯހިޔާވަހިކަމުގެ ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ތަކުރާރުކުރައްވައިފި

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ މި ދައުރުގެ ތެރޭގައި ޙައްލުކޮށް އެވައުދު ފުއްދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ތަކުރާރުކުރައްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭ ސިޓީގެ މައްޗަންގޮޅީގެ ރައްޔިތުންނާއެކު އަމީނިއްޔާ ސްކޫލުގައި ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިބައްދަލުވުމުގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ބެހޭގޮތުންނެވެ.

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި ރައީސް މުޢިއްޒު ވަނީ މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ އެކި މަޝްރޫޢުތައް ކުރިއަށްދާ ގޮތާއި، މަސައްކަތްތަކުގެ އަދާހަމަ، އަދި މަސައްކަތްތަކުގެ ދުވެލި އަވަސްކުރެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭ ތަފްޞީލުތައް ހިއްސާކުރައްވާފައެވެ. އަދި މިހާރު ދޫކޮށްފައި ހުރި ގޯތިތައް ބޭނުންކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ދިމާވެފައިވާ މައްސަލަތައްވެސް ކަމާބެހޭ ފަރާތްތަކުން ބައްލަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ބޯހިޔާވަހިކަމަކީ ފުއްދޭނެ އަދި ފުއްދަވައިދެއްވާނެ ވައުދެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލަށް ހުޅުވާލި ފުރުޞަތުގައި ސިންދަފާތު ދާއިރާތަކުން ގިނަ ޚިޔާލުތަކެއް ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި މާލޭގެ މަގުތަކާއި، މޫދަށް އެރޭ ސަރަޙައްދުތަކާއި ޕަބްލިކް ވަރކްސްއާ ގުޅުންހުރި ކަންކަން ހިމެނެއެވެ. މީގެއިތުރުން، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންބޮޑުވުންތަކާއި، ޓެކްސީ ޑްރައިވަރުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ މައްސަލަތައް ފާހަގަކޮށްފައިވެއެވެ. ބިދޭސީންގެ މައްސަލަ އާއި، ކުޅިވަރު ކުޅޭނެ މަރުކަޒުތައް ނެތުމުގެ ދަތިކަމުގެ އިތުރުން ސަރުކާރުގެ އެކި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްވެސް ޚިޔާލުތައް ހުށަހެޅުނެވެ.

ބައެއް ކަންކަމަށް ވަކިވަކީން ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕަބްލިކް ވަރކްސް ޚިދުމަތުގައި މާލޭ ސިޓީ ކައުންސިލުން އިހުމާލުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެފަދަ މަސައްކަތްތައް ސިޓީ ކައުންސިލުން ނުކުރާނަމަ، ސަރުކާރުން އިސްނަގައިގެންވެސް މައްސަލަތައް ޙައްލުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ރައްޔިތުންނަށް ފައިސާ ދޭންޖެހި، ނުދެވި ހުރި ބިލުތަކުގެ ބެކްލޮގްތަކަށް މިހާރު ފައިސާ ދައްކަވަން ފައްޓަވާފައިވާކަމަށާއި، މަސްވެރިންގެ ފައިސާގެ ކަންތައް ޙައްލުކުރެއްވި އުސޫލުން، އެ ބިލުތަކަށް ފައިސާ ދެއްކުންވެސް ހަމައަކަށް އަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި، މާލޭ ޓެކްސީ ލައިނަކީ ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުން ނޫންކަމުގެ ޔަޤީންކަން ދެއްވިއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއަށް އަލިއަޅުވާލައްވައި، ސަލްޓަން ޕާކުގެ ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ-ގޭމިންގ މަރުކަޒެއް، ބުރުޒު މަގުގައި އާކޭޑެއް އަދި ކުޑަކުދިންގެ ކުޅިވަރު ކުޅޭ މަރުކަޒެއް ތަރައްޤީކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ތިމާވެއްޓަށް އިސްކަންދިނުމުގެ ސިޔާސަތު އޮތް ނަމަވެސް، އިންސާނީ ދިރިއުޅުމަށް އުނދަގޫވާނަމަ، ގަވާއިދުން ބޮޑެތި ގަސްތައް ނަގައި، ބަދަލުގައި ގަސް އިންދައި، ރާއްޖޭގެ ފެހިކަމަށް އިސްކަންދެއްވާނެކަން ފާހަގަކުރެއްވިއެވެ. އަދި ޢަރަބިއްޔާ ސްކޫލް ހުރި އިމާރާތް ބޭނުންކުރާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހުށަހެޅުއްވުމަށް އެދިވަޑައިގަތެވެ.

ރޭގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަޒުމުކަނޑައަޅާފައިވާކަން ހާމަކުރައްވައި، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ސަމާލުކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތެއްގެ އަމިއްލަ ކަމެއް ކަމުގައިވިޔަސް، އަދި ޖަމަޢީ ކަމެއް ކަމުގައިވިޔަސް، ރައްޔިތުން ފާޅުކުރެއްވި ބިނާކުރަނިވި ޚިޔާލުތަކަށް ސަމާލުކަންދެއްވައިގެން އެކަންކަން ބައްލަވާނެކަމަށެވެ. މިއީ ރައްޔިތުންނާ ގާތުން ގުޅުން ބަދަހިކޮށް، އެމީހުންގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ދޭ ސަމާލުކަން ދައްކުވައިދޭ ބައްދަލުވުމެކެވެ.