ބޯކޮށް ވާރޭވެހުމުން މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަނީ
ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، އާންމު ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެމްއެންޑީއެފް) އިން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.
މިވަގުތު މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ ފެން ހިންދުމުގެ މަސައްކަތުގައި ވަރަށް ހީވާގިކަމާއެކު ހަރަކާތްތެރިވަމުންނެވެ.
މާލެއަށް ބޯކޮށް ވާރޭވެހިއްޖެނަމަ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ އާންމުކޮށް ދިމާވެއެވެ. މިއަދުވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބޮޑެތި މަގުތަކުގައިވަނީ ފެންބޮޑުވެފައެވެ. މިކަމުގެ ސަބަބުން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިތައް ކުރިމަތިވެ، ފިހާރަތަކާއި ގޭގޭގެ ތެރެއަށް ފެން ވަނުމުގެ ބިރުވެރިކަން ވަނީ އާންމުވެފައެވެ.
Ads by BMLސިފައިންގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މި މަސައްކަތް ފެށީ، މޫސުމަށް އައި ކުއްލި ބަދަލާއެކު، މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ރިޕޯޓުތައް ލިބުމާ ގުޅިގެންނެވެ.
ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ދަތުރުކުރާ ފަރާތްތަކުން އިތުރު ސަމާލުކަމަށް ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމީ ބަދަލުތަކާ ގުޅިގެން މިފަދަ ހާދިސާތައް ގިނަވުމަކީ ލަފާކުރެވޭ ކަމެކެވެ. އެހެންކަމުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ މިފަދަ ހާލަތްތަކަށް އަބަދުވެސް ތައްޔާރުވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތަކާއި މީހުންނާއެކު ހަރަކާތްތެރިވަމުންނެވެ. އާންމުންގެ އެއްބާރުލުން މިފަދަ ކަންކަމުގައި ވަރަށް މުހިންމުކަން ފާހަގަކުރެވެއެވެ.
މުޅި މާލޭގައި ފެންބޮޑުވެފައިވާ ހާލަތުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ރައްޔިތުންނަށް އެހީތެރިވެދިނުމަށް ނުހަނު ބުރަ މަސައްކަތެއް ކުރަމުންނެވެ.
Ads by MACL
