ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސީޕީ ނަވީނާއެކު ޕޮލިސް ސާވިސްގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

ސީޕީ ނަވީނާއެކު ޕޮލިސް ސާވިސްގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

ސީޕީ ނަވީނާއެކު ޕޮލިސް ސާވިސްގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ހުށަހަޅަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ސީޕީ ނަވީނާއެކު ސަސްޕެންޑުކުރަން ހުށަހަޅަން ކޮމިޓީން ފާސްކުރި ފުލުހުންގެ އިސް އޮފިސަރުންނަކީ ސުޕްރިންޓެންޑް އޮފް ޕޮލިސް އިސްމާއިލް ޝަމީމް، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު އަބްދުއްރަހުމާން، އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ބަޝީރު، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު އަދި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރަޝީދު އެވެ. މި ހަތް ބޭފުޅުން ސަސްޕެންޑު ކުރަން ހުށަހަޅަން ކޮމިޓީން ފާސްކުރީ އިއްޔެ އާއި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ސިއްރު ބައްދަލުވުންތަކުގައި މެމްބަރުން ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.

މާލިއްޔަތު ކޮމިޓީގެ މި ރިޕޯޓު ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ފާސްކުރަން ހުށަހަޅަން ވަނީ ނިންމާފަ އެވެ. ކޮމިޓީގެ މެންބަރަކު ވިދާޅުވި ގޮތުގައި، ސީޕީ ނަވީނާއި އެހެން އޮފިސަރުންނާ މެދު ފިޔަވަޅު އެޅުމުގެ ކުރިން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ފުލުހުންގެ ކުންފުނި ޕޮލްކޯއާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް މާލިއްޔަތު ކޮމިޓީން ބަލަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ކޮމިޓީން އެކުލަވައިލި ސަބް ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކުރިން ވިދާޅުވީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ ބޭފުޅުން އަދިވެސް ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށެވެ. މީގެ ތެރެއިން ބައެއް މީހުންނާ ގުޅޭގޮތުން ޖިނާއީ ތަހުގީގެއް ހިންގޭނެ ވަރަށް ހެކި ހުރިކަން ވެސް ނާޒިމް ފާހަގަ ކުރެއްވި އެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ފިޔަވަޅު އަޅައިދޭން ހުށަހަޅަން ފާސްކުރި ހަތް އޮފިސަރުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދުގެ މައްސަލައެއް އެ ކޮމިޓީން މިދިޔަ މަހު ފެންމަތިކޮށްފައި ވެ އެވެ. އެއީ އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނާޖާއިޒު ފައިސާ ޖަމާވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. ދާއޫދު ވަނީ އޭނާއާ ކުރެވުނު އެ ހުރިހާ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

ހުޅުމާލޭ ޕޮލިސްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ކުރިން ހުންނެވި އޭސީޕީ ދާއޫދަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކޮށް، އެ ކަމާ ގުޅޭ މައްސަލަތައް ބަލަމުން އަންނާތީ އޭނާ ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ. މީގެ އިތުރުން ނާޒިމް ކުރިން ވިދާޅުވީ ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލާގެ ތެރެއިން ދައުލަތުގެ މުދާ ގެއްލުމާ ގުޅިގެން އެ މުދާ ވެސް ރިކަވަރު ކުރުމަށް އޭސީސީގައި އެދިފައިވާނެ ކަމަށެވެ.