ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުނި މެނޭޖްކުރުމަށް އާ ހައްލުތަކަކަށް މަގުފަހިކުރި 'މަގޭ ސާފު ރާއްޖެ' މަހާސިންތާ ނިންމާލައިފި

 "މަގޭ ސާފު ރާއްޖެ" މަހާސިންތާގެ ތެރެއިން، ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ
"މަގޭ ސާފު ރާއްޖެ" މަހާސިންތާގެ ތެރެއިން، ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ

ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލުތައް ހޯދައި، ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި 'މަގޭ ސާފު ރާއްޖެ' މަހާސިންތާ، ލ. ގަމުގައި މި ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށްފަހު ނިންމާލައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އިސްވެ އޮވެ ބޭއްވި މި މަހާސިންތާގައި 9 އަތޮޅުގެ 88 ރަށުގެ މަންދޫބުން ބައިވެރިވެފައިވެއެވެ.

މި އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އިފްތިތާޙުކުރެއްވި 'މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025' ގެ ދަށުން ބޭއްވުނު މި ޙަރަކާތުގެ މައިގަނޑު މަޤްސަދަކީ ކުނި މެނޭޖްކުރުމުގެ ދާއިރާގައި ދެމެހެއްޓެނިވި އުޞޫލުތައް ކަނޑައަޅައި، ޤައުމީ ފެންވަރުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަޝްވަރާކުރުމެވެ. މި ތިން ދުވަހުގެ މަހާސިންތާ ކުރިއަށްދިޔައީ ގަމުގެ ރައްޔިތުންނާއި ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ.

މަހާސިންތާގެ ތެރެއިން ބައިވެރިން ވަނީ ކުނި މެނޭޖްކުރުމުގެ ދާއިރާގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދައި، މި ދާއިރާއިން ކުރިއެރުންތައް ހޯދުމަށް އެކި ޚިޔާލުތައް ބަދަލުކޮށްފައެވެ. ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކުރުމާ ގުޅޭގޮތުން ޚިޔާލުތަކާއި ތަޖުރިބާތައް ހިއްސާކުރެވުނުއިރު، ކުންޏާ ބެހޭ ޤާނޫނުތަކާއި ސިޔާސަތުތަކާއި ޤައުމީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމަށް ޚާއްސަ ސެޝަންތައްވެސް ކުރިއަށްގެންދެވުނެވެ.

ކުނި މެނޭޖްކުރުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގައި ގެންގުޅޭ ތަފާތު މޮޑެލްތަކާއި ރާއްޖޭގައި މިކަން ދެމެހެއްޓެނިވި އުޞޫލެއްގެ ތެރެއިން ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަކީވެސް މަހާސިންތާގެ މުހިންމު ބައެކެވެ. މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ކުންޏާ ބެހޭ ޚާއްސަ ޑޭޓާބޭސްއެއް އިފްތިތާޙުކޮށްފައިވާއިރު، މިއީ މި ދާއިރާއަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

މި މަހާސިންތާގައި ކައުންސިލްތަކުގެ ރައީސުންނާއި އަމިއްލަ ޖަމިއްޔާތަކާއި ކުންފުނިތަކާއި ސަރުކާރު އިދާރާތަކުން ހިމެނޭގޮތަށް 200 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވިއެވެ. ބައިވެރިން ފާހަގަކުރެއްވި ގޮތުގައި، މި މަހާސިންތާގެ ސަބަބުން ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް އެދެވޭ ހައްލުތަކެއް ގެނައުމަށް މުހިންމު މަޢުލޫމާތުތަކެއް ލިބިފައިވެއެވެ.

ލ. ގަމުގައި ކާމިޔާބީއާއެކު ނިންމާލި 'މަގޭ ސާފު ރާއްޖެ' މަހާސިންތާއަކީ، ސާފުތާހިރު އަދި ދެމެހެއްޓެނިވި ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ މުހިންމު ބައެކެވެ. މި މަހާސިންތާއިން ލިބުނު މަޢުލޫމާތާއި، ކުރެވުނު މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.