ރާއްޖޭގައި ހުއްޓިފައި އޮތް އަންހެނުންގެ ފުޓްބޯޅަ އަލުން ފަށަނީ
ދިގު އިންތިޒާރަކަށްފަހު ރާއްޖޭގެ އަންހެނުންގެ ފުޓްބޯޅަ މުބާރާތް އަލުން ފެށުމަށް ނިންމައިފިއެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކުރާ މި މުބާރާތަކީ ގާތްގަނޑަކަށް 10 އަހަރު ދުވަހު ހުއްޓިފައި އޮތުމަށްފަހު އަލުން ފަށާ މުބާރާތެކެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވީ، 6 ޓީމާއެކު މިފެށުން ހުއްޓިފައިވާ އަންހެނުންގެ ފުޓްބޯޅައަށް ލިބުނު ވަރަށް ރަނގަޅު ފެށުމެއް ކަމަށެވެ.
ޒަރީރު ވިދާޅުވީ، ގިނަ ޓީމުތައް ބައިވެރިކުރުމަށް އެފްއޭއެމުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި ޓީމުތައް އެކުލަވާލަން ކުލަބުތަކަށް ދަތިތައް ހުރިކަން ފާހަގަވި ކަމަށެވެ. ނަމަވެސް އަންނަ އަހަރު ޓީމުތަކުގެ އަދަދު އިތުރުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފުރަތަމަ އެފްއޭއެމުން ބެލީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ އަންހެން ޓީމުތައް ބައިވެރިކޮށްގެން "އެފްއޭއެމް ވުމެންސް ލީގު 2025" ކުރިއަށް ގެންދިއުމަށެވެ. "ގިނަ ޓީމު ބައިވެރި ކުރެވޭތޯ މަސައްކަތް ކުރިން. އެހެންނަމަވެސް ބައެއް ކުލަބުތަކަށް އުނދަގޫތަކެއް އެބަހުރި. މިކަމަށް ހުރިހާ ކުލަބުތަކުން ދިން އެއްބާރުލުން އުފަލާއެކު ފާހަގަކުރަން. އިރާދު ކުރެއްވިއްޔާ އަންނަ އަހަރު މިއަށްވުރެ ރަނގަޅުވާނެ. 6 ޓީމާއެކު ފެށުމަކީވެސް ރަނގަޅު ފެށުމެއް ކަމަށް މި ބަލަނީ" ޒަރީރު ވިދާޅުވިއެވެ.
އެފްއޭއެމް ވުމަންސް ލީގު 2025 ކުރިއަށް ދާނީ ޑިސެންބަރު 1 ވަނަ ދުވަހުން 23 ވަނަ ދުވަހުގެ ނިޔަލަށް ގަލޮޅު ދަނޑުގައެވެ. މި މުބާރާތުގައި ވާދަކުރާ 6 ޓީމުތަކަކީ:
Ads by BML-
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
-
ވިކްޓްރީ ސްޕޯޓްސް ކުލަބު
-
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު
-
ޓީސީ ސްޕޯޓްސް ކުލަބު
-
އޮޑި ސްޕޯޓްސް ކުލަބު
-
ބިސްބުރު ސްޕޯޓްސް (ދެވަނަ ޑިވިޝަން ކުލަބެއް)
މި ލީގު ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކަމަށާއި، ކޮންމެ ޓީމެއް ކޮންމެ ޓީމަކާވެސް ވާދަކުރަން ޖެހޭނެ ކަމަށް އެފްއޭއެމުން ބުނެއެވެ. ކޮންމެ މެޗެއްގައި 35 މިނިޓްގެ ދެ ހާފު ކުޅުމަށް ހަމަޖެހިފައިވާއިރު، މެޗުތައް ރާވާފައިވަނީ ދިވެހި ޕްރިމިއާ ލީގުގެ ތާވަލާ ފުށުނާރާ ގޮތަށެވެ. އަދި ކޮންމެ ދެ މެޗެއްގެ ދޭތެރެއިން މަދުވެގެން ދެ ދުވަހުގެ ބްރޭކެއް ލިބޭނެއެވެ.
މުބާރާތުގައި ބައިވެރިވާ ކުލަބުތަކުން ވަނީ އަންހެނުންގެ ފުޓްބޯޅައަށް އިދާރާތަކުން ދޭ އަހަންމިއްޔަތުކަން ކުޑަކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވަޒީފާ އަދާކުރާ ކުޅުންތެރިންނަށް ރިލީޒް ނުލިބުމަކީ ބޮޑު މައްސަލައެއް ކަމަށް ކުލަބުތަކުން ބުނެއެވެ. ސަރުކާރުގެ ބައެއް އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުބާރާތުގައި ނުކުޅެވޭނެކަން އަންގާފައިވާ ކަމަށް ކުލަބުތަކުން ފާހަގަކުރިއެވެ. ނަމަވެސް ފިރިހެން ކުޅުންތެރިންނަށް ބަރާބަރަށް ރިލީޒް ދޭކަންވެސް ކުލަބުތަކުން ފާހަގަކުރިއެވެ.
މިކަމާ ގުޅިގެން ޓީމުތައް އެކުލަވާލަން ދަތިތައް ހުރިކަމަށާއި، ލީގު ފެށުން ކުޑަކޮށް ލަސްކޮށްދިނުމަށްވެސް ބައެއް ކުލަބުތަކުން ވަނީ އެފްއޭއެމްގައި އެދިފައެވެ.
އެފްއޭއެމުން ބުނީ ކުލަބުތަކުގެ މި ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށް ސްޕޯޓްސް ކޮމިޝަނަރގެ އޮފީހާއި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ލީގު ފެށުން ލަސްކުރެވެން ނެތީ ދިވެހި ޕްރިމިއާ ލީގުގެ ތާވަލާ ފުށުއެރުންތަކެއް ކުރިމަތިވެދާނެތީ، ދަނޑު ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް އެފްއޭއެމުން ބުންޏެވެ.
Ads by MACL
