ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލަންކާ ކައިރީ ބާރުގަދަ ކޮޅިގަނޑެއް: ރާއްޖެއަށް ކުރާ އަސަރު ބޮޑުވެ، ވިއްސާރަ ދެ ދުވަހަށް ދިގުދެމިދާނެ!

ލަންކާ ކައިރީ ބާރުގަދަ ކޮޅިގަނޑެއް: ރާއްޖެއަށް ކުރާ އަސަރު ބޮޑުވެ، ވިއްސާރަ ދެ ދުވަހަށް ދިގުދެމިދާނެ!

ސްރީ ލަންކާ ކައިރީ އުފެދިފައިވާ 'ވެދާ ސިސްޓަމް' މިހާރު ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެފައިވާ ކަމަށާއި، މި ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ މޫސުމަށް ބޮޑު އަސަރެއް ކުރަމުންދާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓު އޮފީހުން) މިއަދު ހާމަކޮށްފިއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ދެ ދުވަހު ވެސް ދެމިގެންދާނެ ކަމަށާއި، ޚާއްޞަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ކަނޑު ގަދަވާނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.

ރާއްޖެއަށް މޫސުން ގޯސްވެފައިވާތާ މިހާރު ހަތަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މި ދުވަސްތަކުގައި ވަނީ ގިނަ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހިފައެވެ. އެގޮތުން، ގިނަ ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރުކުރުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. މުޅި ރާއްޖެއަށް ވެސް ކަނޑު ގަދަވެ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓު އޮފީހުން ހާމަކުރެއްވި ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރުގައި ވެސް މޫސުން ގޯސްވާނެއެވެ. ޚާއްޞަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއި، ވައި ގަދަވުމާއެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. މި ސަރަޙައްދުތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

ވިއްސާރައިގެ އަސަރުން މާލެ ސަރަޙައްދަށް ފެންބޮޑުވުން ވަރަށް ބޮޑަށް ކުރިމަތިވެފައިވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ މާލެއަށް ކަމަށާއި، މާލެއަށް 77.9 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓު އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. ހުއްޓާނުލާ ގިނައިރުތަކެއް ވާންދެން ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތައް ފެނުން ބޮޑުވެ، އާންމުންނަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

މާލެއަށް ވެހުނު ވާރޭގެ އިތުރުން، ހުޅުލެއަށް 57.9 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ކ. ދިއްފުއްޓަށް 76.5 މިލިމީޓަރު އަދި އދ. މާމިގިއްޔަށް 66 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މި ހުރިހާ ސަރަޙައްދަކުން ވެސް ފެންބޮޑުވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މޫސުން އަލިވާނެކަމަށް ލަފާކުރާ ވަގުތުގެ ތަފާތުތައް ފާހަގަކުރައްވައި، މެޓު އޮފީހުން ބުނީ، މާލެ ހިމެނޭހެން މެދުރާއްޖެތެރެއަށް ވިއްސާރަ އަލިވާނީ އަންނަ ހަފުތާގެ ބުދަ ހިސާބުގައި ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އެހެން ހިސާބުތަކަށް މެދުރާއްޖެތެރެއަށް ވުރެ ކުރިން ވިއްސާރަ އަލިވުމުގެ ފުރުޞަތު އޮތް ކަމަށް ވެސް އެ އޮފީހުން ލަފާކުރެއެވެ.