ގާނޫނާ ޚިލާފު ބިދޭސީ ވިޔަފާރިތައް ހުއްޓުވަން އަންނަ ހަފުތާއިން ފެށިގެން ޚާއްޞަ ފިޔަވަޅުތަކެއް އަޅާނެ: މިނިސްޓަރު ސައީދު
ގާނޫނާއި ގަވައިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، އަންނަ ހަފުތާއިން ފެށިގެން ޚާއްޞަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ. މިކަމަށްޓަކައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ ގުޅިގެން ޚާއްސަ މަސައްކަތެއް ފަށަން ނިންމާފައިވާއިރު، އާންމުންގެ އެއްބާރުލުން މިނިސްޓްރީން ވަނީ އެދިފައެވެ.
މިނިސްޓަރު ސައީދު މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޓަކައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ޚާއްސަ މަސައްކަތެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާއިން ފެށިގެން މި މަސައްކަތް ހަލުއިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތަން ފެންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. މިފަދަ ކަންބޮޑުވުންތައް ހައްލުކުރެވޭނީ ސަރުކާރާއި އާންމުން ގުޅިގެން ކަމަށްވެސް އޭނާގެ ޕޯސްޓުގައިވެއެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ފުޅާ ދާއިރާއެއްގައި ގަވައިދާ ޚިލާފަށް ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރަމުންދާ ކަމުގެ ޝަކުވާ ގިނައިން ލިބެމުން އަންނަ ކަމަށެވެ. މިފަދަ ވިޔަފާރިތައް ހިންގުމުގައި ދިވެހީން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން މަސައްކަތްކުރާ ކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ. މީގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
Ads by BMLއިކޮނޮމިކް މިނިސްޓްރީން ބެލިބެލުމުން ފާހަގަވެފައިވަނީ ފޮރިން އިންވެސްޓްމެންޓްގެ ގާނޫނުގައި ބިދޭސީންނަށް ހުއްދަނޫން ދާއިރާތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވަމުން އަންނަ ކަމެވެ. މިކަމުގެ ސަބަބުން ދިވެހިންނަށް ލިބެންޖެހޭ ފުރުސަތުތައް ބިދޭސީންނަށް ލިބި، ގައުމީ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރުތައް ކުރަމުންދާކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ގާނޫނާއި ގަވައިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ ވިޔަފާރިތަކާ ބެހޭ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓާއި، މިނިސްޓްރީގެ ހޮޓްލައިން 3333199، ނުވަތަ އިމިގްރޭޝަންގެ އިމުގަ ޕޯޓަލް މެދުވެރިކޮށް ރިޕޯޓުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. މިގޮތުން ލިބޭ މައުލޫމާތުތަކަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި ފުލުހުންނާއި އިމިގްރޭޝަންގެ އިތުރުން ސަރުކާރުގެ ތަންފީޒީ އެހެނިހެން އިދާރާތައް ހިމެނޭ ޓާސްކްފޯހުން އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަންވެސް މިނިސްޓްރީން ދީފައިވެއެވެ.
https://twitter.com/em_saeed/status/1994058809950785804?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1994058809950785804%7Ctwgr%5E55457d8e4a085ee05389479b1aa3b0740b147036%7Ctwcon%5Es1_&ref_url=https%3A%2F%2Fsun.mv%2F214540
މިދިޔަ އަހަރުގެ އޮގަސްޓް މަހު ފާސްކޮށް ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމެންޓް ގާނޫނުގެ ދަށުން، މިދިޔަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ވަނީ ބިދޭސީންނަށް ވިޔަފާރިކުރެވޭނެ ދާއިރާތަކާއި، ވިޔަފާރިކުރުން މަނާ ދާއިރާތައް އާންމުކޮށްފައެވެ. އެގޮތުން 34 ދާއިރާއަކުން ވިޔަފާރިކުރުން ބިދޭސީންނަށް މަނާވާނެ ކަމަށް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. މި މަނާ ދާއިރާތަކުގެ ތެރޭގައި އޮންލައިން ވިޔަފާރި ހިމެނޭހެން ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިއާއި، ކެފޭ ރެސްޓޯރަންޓު ހިންގުމާއި، ވަޒީފާތަކަށް މީހުން ހޯދުމުގެ ޚިދުމަތްދިނުމާއި، ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހިންގުމާއި، އަތްތެރި މަސައްކަތްކުރުމާއި، ފޮޓޯ އަދި ވީޑިއޯގްރަފީގެ ޚިދުމަތްތަކާއި، ގާނޫނީ ވަކީލުކަމުގެ ޚިދުމަތްތައް ހިމެނެއެވެ.
ގާނޫނާއި ގަވައިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ހައްލުނުވެ ހުރި މައްސަލައެއް ކަމަށްވާއިރު، މި ސަރުކާރުން މި މައްސަލަ ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. މި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ސަރުކާރާއި އާންމުންގެ އެއްބާރުލުން ވަރަށް މުހިންމުކަން މިނިސްޓަރު ސައީދު ވަނީ ފާހަގަކުރައްވާފައެވެ. އަންނަ ހަފްތާއިން ފެށިގެން މިކަމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމުގެ އުއްމީދު ބޮޑެވެ.
Ads by MACL
