ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަތްވަނަ ކެރަމް ވޯލްޑް ކަޕުގެ ތައްޔާރީތަކުގެތެރެއިން މިނީ އިވެންޓުތަކެއް މާލެއާއި ހުޅުމާލޭގައި ކުރިއަށްގެންދަނީ

ސީއޭއެމްގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ރައުޝާން -- ފޮޓޯ: ޕީއެސްއެމް ނިއުސް
ސީއޭއެމްގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ރައުޝާން -- ފޮޓޯ: ޕީއެސްއެމް ނިއުސް

މިފެށޭ ޑިސެމްބަރު މަހުގެ 2 އިން 6 އަށް ބާސެލޯ ނަސަންދުރާގައި ބާއްވާ ހަތްވަނަ ކެރަމް ވޯލްޑް ކަޕަށް ޚާއްސަކޮށްގެން، އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް، ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން މާލެ އަދި ހުޅުމާލޭގައި މިނީ އިވެންޓުތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. 21 ޤައުމަކުން ކުޅުންތެރިން ބައިވެރިވާ މި ބޮޑު މުބާރާތަށް ރާއްޖެއިން ތައްޔާރުވަމުން އަންނައިރު، މި އިވެންޓުތަކުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމީ ޓީމަށް އާންމުންގެ ތަރުހީބު ހޯދުމެވެ.

ސީއޭއެމްގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ރައުޝާން ވިދާޅުވީ، ވޯލްޑް ކަޕުގެ ކުރިން އޮތް ފަސް ދުވަހުގެ ތެރޭގައި މި އިވެންޓުތައް ކުރިއަށްދާނެ ކަމަށެވެ. މި ހަރަކާތްތަކަކީ ކެރަމް ކުޅުމަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ޤައުމީ ޓީމަށް ތާއީދު ކުރުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. ރާއްޖެއިން މިފަހަރުގެ ވޯލްޑް ކަޕުގައި ވަރުގަދަ ޓީމުތަކަކާ ވާދަކުރާއިރު، އާންމުންގެ ތަރުހީބު ވަރަށް މުހިންމުކަން ރައުޝާން ފާހަގަކުރެއްވިއެވެ.

މި އިވެންޓުތައް ކުރިއަށްދާނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގެ ތިރީގައި، މާލޭ ކެރަމް ހޯލުގެ ކޮންޑޯގައި އަދި ޒުވާނުންގެ މަރުކަޒުގައިވެސް މި ހަރަކާތް ބޭއްވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ރައުޝާން މައުލޫމާތު ދެއްވިއެވެ. މި ހުރިހާ ތަނަކީވެސް އާންމުންނަށް ފަސޭހައިން ދެވޭނެ ތަންތަންކަމަށް ވުމުން، ގިނަ ބަޔަކު ބައިވެރިވާނެކަމަށް އުންމީދުކުރެއެވެ.

މި ހަރަކާތްތައް މާދަމާ ހަވީރު 4:00 ގައި ފެށި، އިރުއޮއްސުމާ ހަމައަށް ކުރިއަށްދާނެއެވެ. މި އިވެންޓުތަކުގެ ތެރެއިން ވޯލްޑް ކަޕަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ސަޕޯޓާސް ޖާޒީތައް ލިބިގަތުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެއެވެ. އަދި ސްޕޮންސަރުންގެ ފަރާތުން ހަދިޔާކުރާ އެކި ބާވަތްތަކުގެ ހަދިޔާތައް ހޯދުމުގެ ފުރުސަތުވެސް އާންމުކޮށް ހުޅުވާލާފައިވާ ކަމަށް ރައުޝާން ވިދާޅުވިއެވެ.

ރައުޝާން ވަނީ ހަތްވަނަ ކެރަމް ވޯލްޑް ކަޕް ކުރިއަށްދާއިރު، ޤައުމީ ޓީމަށް ސަޕޯޓްކޮށްދިނުމަށް ވީހާވެސް ގިނަ ބަޔަކު ބާސެލޯ ނަސަންދުރާގައި ހުންނަ މުބާރާތުގެ މައިދާނަށް ދިޔުމަށް ވަރަށް ބޮޑަށް އެދިވަޑައިގެންފައެވެ. އަމިއްލަ ޤައުމުގައި ބާއްވާ މިފަދަ ބޮޑު މުބާރާތެއްގައި ޤައުމީ ޓީމަށް ލިބޭ ތަރުހީބަކީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސަޕޯޓަރުންގެ ފަރާތުން ލިބިގެންދާ ހިތްވަރަކީ ކުޅުންތެރިންނަށް ކާމިޔާބީއަށް މަގުފަހިކޮށްދޭނެ އެއްކަމަށް ކަމަށެވެ. އެހެންކަމުން، މި އިވެންޓުތަކުގައި ކުޑަބޮޑު އެންމެން ބައިވެރިވެ، ސަޕޯޓާސް ޖާޒީއެއް ބައްލަވައިގެން، ވީހާވެސް ގިނަ ފަރާތްތަކުން ޤައުމީ ރަތްކުލައާއެކު ކެރަމް ޓީމަށް ތަރުހީބުދިނުމުގައި ދެމިތިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ސީއޭއެމްގެ މި މަސައްކަތުގެ ބޭނުމަކީ ކެރަމް ކުޅުމުގެ މަގުބޫލުކަން އިތުރުކޮށް، ހަތްވަނަ ކެރަމް ވޯލްޑް ކަޕަކީ ރާއްޖެއަށް ކާމިޔާބު މުބާރާތަކަށް ހެދުމެވެ. މި މުބާރާތަކީ ދުނިޔޭގެ 21 ޤައުމުން ބައިވެރިވާ ބޮޑު މުބާރާތެއްކަމުން، ޤައުމީ ޓީމަށް ލިބޭ އާންމުންގެ އެހީތެރިކަމާއި ތަރުހީބަކީ ވަރަށް ބޮޑު ބާރަކަށް ވާނެއެވެ.