ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ލަންކާއަށް ރެޑް އެލާޓް ނެރެފި

ޝްރީލަންކާއަށް ރެޑް އެލާޓް ނެރެފައިވާއިރު، ކުރިއަށް އޮތީވެސް މޫސްގޯސް ދުވަސްވަރެއް ---
ޝްރީލަންކާއަށް ރެޑް އެލާޓް ނެރެފައިވާއިރު، ކުރިއަށް އޮތީވެސް މޫސްގޯސް ދުވަސްވަރެއް ---

ބޭ އޮފް ބެންގާލްގެ ހުޅަނގުން ލަންކާ ކައިރިން އުފެދިފައިވާ ކޮޅިގަނޑު 'ދީތުވާ' ތޫފާނަކަށް ބަދަލުވުމާ ގުޅިގެން، ލަންކާއަށް ރެޑް އެލާޓް ނެރެފިއެވެ. މި ތޫފާން މިރޭ ލަންކާއަށާއި އިންޑިއާގެ އެކި ހިސާބުތަކަށް އަރާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ލަފާކޮށްފައިވާއިރު، ބޯކޮށް ވާރެއާއި ގަދަ ވައި އަދި ކަނޑު ގަދަވުމުގެ ސަބަބުން މިހާތަނަށް 47 މީހުން މަރުވެ، 21 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ލަންކާގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވައި ބާރުވެ، ކަނޑުތައްވެސް ގަދަވާނެއެވެ. ޚާއްސަކޮށް އުތުރު، މެދު އުތުރު، އަދި ހުޅަނގު އުތުރުގެ ސަރަހައްދުތަކުގެ އިތުރުން ޓްރިންކޮމާލީ ޑިސްޓްރިކްޓަށް 200 މީޓަރަށް ވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ސަބަރަގަމުވާ އާއި ހުޅަނގުގެ ޕްރޮވިންސްތަކާއި ބަޑުއްލާ އާއި ބަޓިކަލޯއާ ޑިސްޓްރިކްޓްތަކަށް 150 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ.

ތޫފާން ގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެ ކަމަށްވެސް އިންޒާރު ދީފައިވެއެވެ. ގަޑިއަކު 70 ކިލޯމީޓަރުގެ ބާރުމިނުގައި ވައިގަދަވެ، ލަންކާގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކަށް އިތުރަށް ވައިގަދަވާނެ ކަމަށް އެ ޑިޕާޓްމަންޓުން ލަފާކޮށްފައިވެއެވެ. ރާޅުގެ އުސްމިން ތިން މީޓަރާއި ހަތަރު މީޓަރާއި ދެމެދުގެ މިންވަރަކަށް އުފުލޭނެ ކަމަށް ލަފާކުރެވޭއިރު، ހާއްސަކޮށް އައްސޭރިފަށު ހިސާބުތަކަށް ރާޅު އުސްވާނެ ކަމަށްވެސް ބުނެއެވެ. މިހާލަތުގައި ކަނޑުގެ ސިފައިންނާއި މަސްވެރިން އިތުރު އެންގުމެއް އަންގަންދެން ކަނޑަށް ނުނުކުތުމަށް ވަރަށް ބޮޑަށް ވަނީ އިލްތިމާސްކޮށްފައެވެ.

ލަންކާގެ މޫސުން މި މަހުގެ 30 ގެ ނިޔަލަށް ގޯސްވެ، ނުރައްކާތެރި ހާލަތެއްގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ މޫސުމަށް ސަމާލުވެ، ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީން ނެރޭ އިރުޝާދުތަކަށް ތަބާވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އަދި ކުއްލި ހާލަތްތަކުގައި ލޯކަލް ޑިޒާސްޓާ މެނޭޖްމަންޓް އޮފިޝަލުންގެ އެހީތެރިކަން ހޯދުމަށް ވެސް ރައްޔިތުންނަށް އަންގާފައިވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ލަންކާއިން މިހާތަނަށް 47 މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި މި ހާދިސާތަކުގައި 21 މީހުން ގެއްލިފައިވާކަމަށް ވެސް ވަނީ ފާހަގަކުރެވިފައެވެ. ލަންކާ ސަރުކާރުން ވަނީ މޫސުން ގޯސްވުމާ ގުޅިގެން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މީގެ އިތުރުން އާންމު ދަތުރުފަތުރުގެ ބައެއް ހިދުމަތްތައް މެދުކަނޑާލާފައި ވާއިރު، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓުތައް ނުޖެއްސޭ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި އެކަމަށް ވެސް ވަނީ ތައްޔާރުވެފައެވެ.

މި ދުވަސްވަރު ރާއްޖެއަށްވެސް އަންނަނީ ވިއްސާރަ ކުރަމުންނެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ވައިގަދަވުން އެކަށީގެންވެއެވެ. ލަންކާގެ މޫސުމަށް އައިސްފައިވާ ބަދަލާއެކު ދެ ގައުމުގެ މޫސުމަށްވެސް އަސަރުކުރާނެ ކަމަށް ލަފާކުރެވެއެވެ.