ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

300 މީހުންނާއެކު މިރޭ ފޮނަދޫގައި ލިލީގެ ހައުސްފުލް ޝޯއެއް، އިތުރު ޝޯއަކަށް ނަން ނޯޓު ކުރަނީ

300 މީހުންނާއެކު މިރޭ ފޮނަދޫގައި ލިލީގެ ހައުސްފުލް ޝޯއެއް، އިތުރު ޝޯއަކަށް ނަން ނޯޓު ކުރަނީ

މިރޭ ލާމު ފޮނަދޫ އިޖުތިމާއީ މަރުކަޒުގައި ލިލީ ފިލްމުގެ ޝޯއެއް 300 މީހުންނާއެކު ބާއްވާނެ ކަން ލިލީ ޓީމުން ހާމަކޮށްފިއެވެ.

ލާމު އަތޮޅުގައި ލިލީގެ ލަވައެއް ވަނީ ކުޅެފައެވެ. ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަމެއް ހޯދާފައިވާ ހިތް ކަތިލިއެ ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ލާމު ފޮނަދޫ، ގަން، ހިތަދޫގެ އިތުރުން މާބައިދޫގައެވެ. މި ލަވައިން ލާމުގެ ރީތި މަންޒަރުތައް ދައްކުވައިދެއެވެ.

ލިލީ ފިލްމުގެ ފުރަތަމަ ޝޯ ހައުސްފުލްކޮށް އަޅުވަން ނިންމާފައިވާއިރު، އިތުރު ޝޯއަކަށް މިހާރު ދަނީ ނަން ނޯޓް ކުރަމުންނެވެ. ނަމަވެސް ފިލްމު އަޅުވަން ނިންމާފައިވާ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ. ނަންނޯޓް ކުރެއްވުމަށް 9705999އަށް ގުޅުއްވުމަށް ލިލީ ޓީމުން އެދެއެވެ.

މިރޭ ޝޯއަށް ޓިކެޓް ނެގި ފަރާތަކުގެ މެދުގައި ނެގޭ ގުރުއަކުން ހޮވޭ ފަރާތްތަކަށް ގިނަ އިނާމުތަކެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގިނަ ބަޔަކަށް ކަމުދިޔަ ”ލިލީ“ ގެ މިހާތަނަށް މާލޭގައި ދެއްކި ދެއްކި 9 ޝޯވވެސް ވަނީ ހައުސްފުލް ވެފަ އެވެ.

މިހަފްތާ ބަންދުގައި ކުޅުދުއްފުށީގައި ހައުސްފުލް ތިން ޝޯ މިހާރު ދަނީ ދައްކަމުންނެވެ. ލިލީ ފިލްމުގެ ޓިކެޓް ކުޅުދުއްފުށިން ހޯދުމަށް 9697722 ނުވަތަ 9955152 އަށް ގުޅުއްވައިގެން ކުރިޔަށް ގެންދިއުމަށް ލިލީ ޓީމުން އެދެއެވެ.

ހަގީގީ ހާދިސާތަކެއްގެ ތެރެއަށް ހިޔާލީ ކަންކަން އިތުރުކޮށްގެން ގެނަސްދީފައިވާ ”ލިލީ“ ގެ މައިގަނޑު ތަރިންގެ ތެރޭގައި އައިޝާގެ އިތުރުން އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން އަދި މަރިޔަމް ޝިމާ ހިމެނެ އެވެ. މިއީ މުހައްމަދު އަރީހް ޕްރޮޑިއުސްކޮށް އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ.

މި ފިލްމު ބަލާފައި ނިކުން މީހުންގެ ޝޫއޫރުތަކަށް ބަލާއިރު ފިލްމުގެ އަސަރުގަދަ ކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. އަދި ރާއްޖޭގައި އެއްވެސް މީހަކު ނުދައްކާ ބޮޑު ސިއްރު މިފަދައިން ފިލްމެއްގެ ޒަރިއްޔާއިން ގެނަސްދިނުމުގެ މުހިންމުކަން ބެލުންތެރިން ފާހަގަކުރެ އެވެ.

”ވަރަށް ރޮއިފިން، ގިސްލަ ގިސްލާފައި ރޮއިފިން“ ބެލުންތެރިޔަކު ޝުއޫރު ފާޅު ކުރި އެވެ.
ފިލްމީ ތަރި މަރިޔަމް ނިޝާވެސް ވަނީ ފިލްމާއި ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެގޮތުން އޭނާ ބުނީފިލްމުގެ ލީޑު އެކްޓަރު އައިޝާ އަލީގެ ބޮޑު ރޯލެއް ފެނުނު މިއީ ފުރަތަމަ ފަހަރަށް ވެފައި އޭނާގެ ހުނަރު ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ފިލްމުގެ ވާހަކަ ގެނަސްދީފައިވާ ގޮތް މޮޅުކަންވެސް ނިޝާ ފާހަގަކޮށްފައި ވެއެވެ.