ލަންކާއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ދިވެހި އާއިލާއެއް ގެއްލިގެން ހޯދަނީ
ސްރީ ލަންކާއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ގިނަ ބަޔަކު މަރުވެފައިވާއިރު، ނުވަރަލިޔާ ސަރަހައްދަށް ދަތުރުކުރި ދިވެހި އާއިލާއެއްގެ ޚަބަރެއް ނުވެ ގެއްލިގެން ހޯދަމުން ދާކަމަށް ޚަބަރު ލިބިއްޖެއެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން ހާމަކުރެއްވި ގޮތުގައި، މި އާއިލާއާ އެންމެ ފަހުން ގުޅުވުނީ މީގެ ތިން ދުވަސްކުރިން ކަމަށާއި، އޭގެ ފަހުން އެއްވެސް ޚަބަރެއް ވެފައިނުވެ އެވެ.
ގެއްލިގެން ހޯދަމުންދާ ދިވެހި އާއިލާގައި ހިމެނެނީ ދެމަފިރިއަކާއި އެމީހުންގެ ކުޑަ ދަރިފުޅެކެވެ. އެމީހުން ދަތުރުކުރީ ނުވަރަލިޔާގެ ފަރުބަދަ ސަރަހައްދަކަށް ކަމަށް އެމްބަސީއަށް ރިޕޯޓްކުރި ފަރާތުން ބުނެފައިވެ އެވެ. މި ސަރަހައްދުތަކަކީ މިހާރުގެ މޫސުމީ ހާލަތުގައި ނުރައްކާތެރި ސަރަހައްދުތަކެކެވެ.
Ads by BMLދިވެހި އެމްބަސީން މިހާތަނަށް ކުރި މަސައްކަތުން ވެސް އެ އާއިލާއާ ގުޅޭގޮތް ނުވެފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ. މި އާއިލާ ހޯދުމަށް ދިވެހި އެމްބަސީން ދަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެމްބަސީން ދަނީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ބަލަމުންނެވެ.
ލަންކާގައި މިވަގުތު 1800 އެއްހާ ދިވެހިން ދިރިއުޅެމުންދާ ކަމަށް ދިވެހި އެމްބަސީގެ މައުލޫމާތުތަކުން ދައްކަ އެވެ. މި އާއިލާ ފިޔަވައި އެހެން ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް އެމްބަސީއަށް ލިބިފައެއް ނުވެއެވެ.
މޫސުމީ މި ހާލަތާއި ގުޅިގެން އެ ޤައުމުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ވަނީ ހާއްސަ ކަންތައްތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ވަރަށް ބޮޑަށް އިލްތިމާސްކޮށްފަ އެވެ.
އިތުރު ރައްކާތެރިކަމަށްޓަކައި، ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭއިރު ބޭރަށް ނުދިއުމަށާއި، ލަންކާގެ މޫސުމާބެހޭ ޑިޕާޓްމަންޓާއި ކާރިސާ މެނޭޖްމެންޓް ސެންޓަރުގެ އެންމެ ފަހުގެ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް އެމްބަސީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި، ފެން، ބޭސް، ލިޔެކިޔުން، ޗާޖުކޮށްފައިވާ މޮބައިލް ފޯނު ފަދަ މުހިންމު ތަކެތި ތައްޔާރީ ހާލަތުގައި ބެހެއްޓުމަށާއި، ޕާސްޕޯޓާއި ދަތުރުކުރުމަށް ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެހެއްޓުމަށްވެސް ވަނީ އަންގާފަ އެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 56 އަށް އަރާފަ އެވެ. އަދި 21 މީހަކު ގެއްލިގެން ދަނީ ހޯދަމުންނެވެ.
ލަންކާގެ ގިނަ ސަރަހައްދުތަކެއްގައި މިހާރުވެސް ކުއްލި ހާލަތު އިއުލާނުކޮށްފައިވެ އެވެ. މަރުވި މީހުންގެ ތެރެއިން 21 މީހަކީ ސައިފަތް ހެއްދުމަށް މަޝްހޫރު ބަޑުއްލާ ޑިސްޓްރިކްޓުގެ މީހުންނެވެ، މި ސަރަހައްދަކީ ފެންބޮޑުވުމާއި ބިންގަނޑުކަނޑައިގެން ދިއުމުގެ ނުރައްކާ ބޮޑު ތަނެކެވެ.
Ads by MACL
