ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލެ ތިންވަނަ ފިޔަވަހި: ދެ ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ބާރުދުވެލީގައި

ހުޅުމާލެ ތިންވަނަ ފިޔަވަހި: ދެ ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ބާރުދުވެލީގައި

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ދެ ޑްރެޖަރު ބޭނުންކޮށްގެން އެއްފަހަރާ ބާރުދުވެލީގައި ކުރިއަށް ގެންދަން ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސް މެދުވެރިކުރައްވައި ހާމަކުރެއްވި ގޮތުގައި، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއަށް އިތުރު ބާރެއް ލިބިގެން މިދަނީ، މީގެ ތިން ދުވަސް ކުރިން ދެ ޑްރެޖަރު ރާއްޖެ އައުމާއެކުގައެވެ.

ސީއެމްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފައެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށުނު މި މަސައްކަތުން މިހާތަނަށް 24 ހެކްޓަރުގެ ބިން ވަނީ ކާމިޔާބީއާއެކު ހިއްކާ ނިމިފައެވެ.

މާސްޓާ ޕްލޭން ރިވައިޒް ކުރުމަށްޓަކައި ވަގުތީ ގޮތުން މަޑުޖައްސާލުމަށްފަހު، ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު 10 ވަނަ ދުވަހުއެވެ. މިހާރު ދެ ޑްރެޖަރު އެއްފަހަރާ މަސައްކަތް ކުރަމުންދާތީ، މަޝްރޫޢުގެ ސްޕީޑް އިތުރުވެ، ބާކީ ހުރި ބިން ވީހާވެސް އަވަހަށް ހިއްކައި ނިންމުމަށް މަގުފަހިވެގެންދާނެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަކީ އެ ސަރުކާރުގެ އެންމެ އިސް އެއް އަމާޒުގެ ގޮތުގައި ކަނޑައަޅާފައެވެ. އެގޮތުން، ހުޅުމާލެ ތިންވަނަ ފިޔަވަހިން ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް އުންމީދު ކުރެވެއެވެ.

މި މަޝްރޫޢު އަވަހަށް ނިންމައި، ބިންވެރިކަމުގެ ހައްގު ވެރި ރައްޔިތުންނަށް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. ދެ ޑްރެޖަރުގެ އެހީތެރިކަމާއެކު މި މަސައްކަތް ބާރުގަދަކޮށް ކުރިއަށް ގެންދެވޭނެކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.