ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލަންކާއަށް އެހީވުމަށް 50،000 އެމެރިކާ ޑޮލަރާއި 25،000 މަސްދަޅުކޭސް ހަދިޔާކުރަން ސަރުކާރުން ނިންމައިފި

ލަންކާއަށް އެހީވުމަށް 50،000 އެމެރިކާ ޑޮލަރާއި 25،000 މަސްދަޅުކޭސް ހަދިޔާކުރަން ސަރުކާރުން ނިންމައިފި

ސްރީލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ގައުމަށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް، ދިވެހި ސަރުކާރުން އެހީގެ ގޮތުގައި 50،000 އެމެރިކާ ޑޮލަރާއި 25،000 މަސްދަޅުކޭސް ހަދިޔާކުރަން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑިޓްވާ ތޫފާނާ ގުޅިގެން ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން މި ނިންމުން ނިންމާފައިވާ ކަމަށެވެ. މި އެހީގެ ދަށުން ސްރީލަންކާއަށް 50،000 އެމެރިކާ ޑޮލަރު އަދި 25،000 މަސްދަޅު ކޭސް ހަދިޔާކުރެވޭނެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި ނިންމުމަކީ ތޫފާންގެ ސަބަބުން ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ޤައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން މި އެހީތެރިކަން ރަމްޒުކޮށްދޭކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ދިވެހި ސަރުކާރުން އުންމީދުކުރަނީ، މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ އަށް ކުރމަތިވެފައިވާ ކާރިސާއިން އަރައިގަތުމުގެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިގެންދާނެ ކަމަށެވެ.

ތޫފާން ޑިޓްވާގެ ސަބަބުން ސްރީލަންކާއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 69 އަށް އަރާފައިވާއިރު، ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެ ޤައުމަށް 300 މިލިމީޓަރަށްވުރެ ގިނަ ވާރޭ ވަނީ ވެހިފައެވެ. މިއީ އެ ޤައުމަށް މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވެހިފައިވާ އެންމެ ގިނަ މިންވަރެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ސްރީލަންކާގެ 219،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ސީދާ އަސަރުކޮށްފައެވެ. ގިނަ ބަޔަކު ވަނީ އެކި ހިސާބުތަކުގައި ބަންދުވެ، ގެދޮރު ހަލާކުވެ، މުދާ ގެއްލިފައެވެ. ސްރީލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ އެ ޤައުމުގައި މި ކާރިސާއާ ގުޅިގެން ފުރަތަމަ ފަހަރަށް ރެޑް އެލާޓް އިޢުލާނުކޮށްފައެވެ.