ލަންކާގައި ތިބި ދިވެހިންނަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި
ސްރީލަންކާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ނުރައްކާތެރި ޙާދިސާގައި އެހީތެރިކަން ބޭނުންވެފައިވާ ދިވެހި ރައްޔިތުންނަށް ދިވެހި ހައިކޮމިޝަނުން ކާބޯތަކެއްޗާއި ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން އެކި ސަރަޙައްދުތަކުގައި ތިބި ދިވެހިންގެ ހާލު ގާތުން ބަލައި، ޚާއްސަ ކޯލް ސެންޓަރެއް ޤާއިމްކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ދިވެހި ހައިކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، ލަންކާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ޙާލަތުގައި ދިވެހިންނަށް އެހީވުމަށްޓަކައި ޚާއްސަ ކޯލް ސެންޓަރެއް ވަނީ ޤާއިމްކުރެވިފައެވެ. މި ކޯލް ސެންޓަރު މެދުވެރިކޮށް އެހީތެރިކަމަށް އެދިފައިވާ ފަރާތްތަކަށް ހައިކޮމިޝަނުން ދަނީ ކާބޯތަކެއްޗާއި ބޯފެން ފޯރުކޮށްދެމުންނެވެ. ޚާއްސަކޮށް، ކޮލޮމްބޯ އާއި އެނޫންވެސް ސަރަޙައްދުތަކުގައި ކިޔަވާ ކުދިންނަށް ދަނީ އިސްކަންދީގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ހާލަތުގައި ސްރީލަންކާގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ގާތުން ބެލުމަށްޓަކައި ހައިކޮމިޝަނުން ދަނީ ގުޅައި، ދިމާވާ ދަތިތައް އޮޅުން ފިލުވަމުންނެވެ. މީގެ އިތުރުން، ލަންކާގެ އެއަރޕޯޓުގައި ނުފުރި ތިބި ދިވެހިންގެ ހާލަތު ދެނެގަނެ އެހީވުމުގެ މަސައްކަތްވެސް ހައިކޮމިޝަނުން ވަނީ ފަށާފައެވެ. އަދި ސްރީލަންކާގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ހައިކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ.
Ads by BMLސްރީލަންކާގެ ޙާލަތާއި ގުޅިގެން އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ސަމާލުވުމަށް ދިވެހި ހައިކޮމިޝަނުން ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. މިގޮތުން، ކޮންމެހެން ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދަތުރުފަތުރު ނުކުރުމަށާއި، ޚާއްސަކޮށް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާ ސަރަޙައްދުތަކަށް ދަތުރު ނުކުރުމަށް ވަނީ އަންގާފައެވެ. ބޯކޮށް ވާރޭވެހި ވައިގަދަވާ ވަގުތުތަކުގައި ބޭރަށް ނުނިކުތުމަށާއި، ލަންކާގެ މޫސުމާ ބެހޭ އިދާރާގެ އެންގުންތަކަށް ސަމާލުވުމަށްވެސް އެދިފައިވެއެވެ.
ހައިކޮމިޝަނުން ނެރުނު ބަޔާނުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، ވިއްސާރައިގައި ކޯރުތައް ފުރި ބަންޑުންވަމުންދާ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދެމުންދާތީ، އެފަދަ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނާއި، ބިންތިރި ސަރަޙައްދުތަކާއި މޫދު ކައިރި ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން އިންޒާރަށް ސަމާލުވެ، ރައްކާތެރި ހިސާބުތަކަށް ދިއުމަށް މުހިންމުކަމަށެވެ. އެއްވެސް އެހީތެރި ކަމަކަށް ބޭނުންވެއްޖެނަމަ، ދިވެހި ހައިކޮމިޝަންގެ ހޮޓްލައިން 768816666 އަށް ގުޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
