ފަލަސްޠީނުގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ޢަމަލީގޮތުން މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފި
ފަލަސްޠީނުގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ޢަމަލީގޮތުން މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފިއެވެ.
ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަމުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އަބަދުވެސް ތާއީދު ކުރާކަން ހާމަކޮށްފައެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ބައިނަލްއަޤްވާމީ މަންސަތަކުގައި، ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ޖަރީމާތަކަށް އެ ދައުލަތާއި އެކަމުގެ އިސްވެރިން ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައެވެ.
ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ އދ. އާންމު މަޖިލީހުން 1977 ގައި މި ދުވަސް ފާހަގަކުރުމަށް ނިންމައިގެންނެވެ. އެގޮތުން މެންބަރު ޤައުމުތަކުން މިކަމުގައި ވީހާވެސް ބޮޑަށް ބައިވެރިވެ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރުމަކީ އދ. މި ދުވަސް ފާހަގަކުރުމަށް ނިންމުމުގެ މައިގަނޑު މަޤްޞަދެކެވެ.
Ads by BMLދިވެހިރާއްޖެއަކީ ފަލަސްޠީނުގެ ރައްޔިތުންގެ އަމިއްލަ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް އަބަދުވެސް ވަކާލާތު ކުރަމުން އަންނަ ޤައުމެކެވެ. މި ސިޔާސަތު، މިހާރުގެ ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި އިތުރަށް ހަރުދަނާކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާތަކަށް ހައްލެއް ހޯދައިދިނުމަށް ގޮވާލާފައެވެ.
ފަލަސްޠީނުގެ މަސްރަޙާ ގުޅިގެން އދ. ގެ އާންމު މަޖިލީހާއި، އޯ.އައި.ސީ (Organisation of Islamic Cooperation) އަދި ނޮން-އެލައިންޑް މޫވްމަންޓް (Non-Aligned Movement) ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި ދިވެހިރާއްޖެއިން ވަނީ ފަލަސްޠީނަށް ސާބިތު ތާއީދު ފޯރުކޮށްދީފައެވެ. މިގޮތުން، ފަލަސްޠީނުގެ ރައްޔިތުންނަށް އަމިއްލަވަންތަ ދައުލަތެއް ޤާއިމުކޮށްދިނުމަށް ލާޒިމުވާ ކަންކަން ކުރުމަށް ގޮވާލައި ރާއްޖެއިން އަބަދުވެސް ދަނީ އަޑުއުފުލަމުންނެވެ.
Ads by MACL
