ޑިޓުވާ ތޫފާނުގެ ސީދާ އަސަރު ނުކުރިޔަސް ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި
ރާއްޖޭގެ ކައިރިން އުފެދިފައިވާ "ޑިޓުވާ" ނަމަކަށް ކިޔާ ތޫފާނުގެ އަސަރު ސީދާ ރާއްޖެއަށް ނުކުރިޔަސް އެތޫފާނާގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ. މި ތޫފާނާ ގުޅިގެން މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
މެޓް އޮފީހުން ދެއްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، "ޑިޓުވާ" ތޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރު އުތުރުން ގާތްގަނޑަކަށް 875 ކިލޯ މީޓަރުގެ ދުރުގައެވެ. މި ސަރަހައްދަކީ ސްރީލަންކާގެ އުތުރު އައްސޭރިފަށާއި ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނު ސަރަހައްދުގައި ހިމެނޭ ތަނެކެވެ.
މި ތޫފާން ދަތުރުކުރާނެ ކަމަށް ލަފާކުރެވެނީ އުތުރު ހުޅަނގުއުތުރަށް، ރާއްޖެއާ ދުރަށް ވާ ގޮތަށެވެ. މާދަމާ ހެނދުނުގެ ވަގުތެއްގައި މި ތޫފާން އިންޑިއާގެ އުތުރު ޓަމިލްނާޑޫ، ޕޫޑޫޗޭރީ އަދި އަންދްރަ ޕްރަދޭޝްގެ ދެކުނު އައްސޭރިފަށަށް ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
Ads by BMLތޫފާން ރާއްޖެއާ ދުރަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭތީ، ރާއްޖެއަށް މި ތޫފާނުގެ ސީދާ އަސަރެއް ނުކުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންނަމަވެސް، ތޫފާނާ ގުޅިގެން އުފެދޭ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މޫސުމަށް ބަދަލުތަކެއް އަންނާނެކަމަށް ލަފާކުރެވެއެވެ.
މި ބަދަލުތަކުގެ ތެރޭގައި، ޚާއްސަކޮށް މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް މެޓް އޮފީހުން އިތުރަށް ލަފާކުރެއެވެ. މޫސުމަށް އަންނަ މި ބަދަލުތަކަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކުރެއެވެ.
Ads by MACL
