އަތޮޅު ކައުންސިލްތައް އުވުނަސް މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ: ވަޒީރު އާދަމް ޝަރީފު
ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލާއެކު އަތޮޅު ކައުންސިލްތައް އުވުނަސް، އެ ކައުންސިލްތަކުގެ މުވައްޒަފުންގެ މަޤާމުތަކާއި ވަޒީފާތައް ގެއްލިގެން ނުދާނެކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިނގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލެއަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ "ކާފު ފޯރަމް" ފަށައިދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު އާދަމް ޝަރީފު ވިދާޅުވީ، އަތޮޅުގެ ކަންކަމާއި މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި އަތޮޅުތައް ތަރައްޤީ ކުރުމަށްޓަކައި އެއް މޭޒުދޮށުގައި ތިބެ މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLއަންނަމުންދާ ބަދަލުތަކާއެކު، ވިސްނުމާއި ފިކުރު ބައްޓަން ކުރަންޖެހޭނީ ކުރަން އުޅޭ މަސައްކަތުން ނިކުންނާނެ ނަތީޖާއަކަށް ކަމުގައި ވަޒީރު ވިދާޅުވިއެވެ. މިފޯރަމުގައި ވެސް އެ ވިސްނުމުން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. ސަރަހައްދީ ތަރައްޤީއަށް މިފަދަ ފޯރަމްތަކުގެ މުހިންމުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ލާމަރުކަޒީ ނިޒާމާއި އަދި އަންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވަޒީރު ވިދާޅުވީ، ފެހި ޤާނޫނު އަސާސީން ދިން އެންމެ އަގުބޮޑު ހަދިޔާއަކީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ކަށަވަރުކޮށްދިނުން ކަމަށެވެ. ރައްޔިތުންނަށް ލިބެންޖެހޭ ބާރުވެރިކަން އެންމެ ފުރިހަމަ މާނާގައި ރައްޔިތުންނަށް ލިބުމަށް މެދުވެރި އެންމެ ބޮޑު ސަބަބަކީ ވެސް އެއީއެވެ.
ނަމަވެސް މިނިޒާމު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތްތައް ގާތުން ފޯރުކޮށްދިނުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
Ads by MACL
