ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލަންކާއަށް އެހީވުމަށް "ސިލޯނާއެކު ދިވެހީން" ޓެލެތޯން ފަށައިފި

ލަންކާއަށް އެހީވުމަށް "ސިލޯނާއެކު ދިވެހީން" ޓެލެތޯން ފަށައިފި

ބާރުގަދަ ތޫފާނެއް ކަމުގައިވާ ދިތުވާއާ ގުޅިގެން އަވަށްޓެރި ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެޤައުމަށް ބޮޑެތި ގެއްލުންތަކެއްވެ އެތައްބަޔަކު މަރުވެ އެތައްބަޔަކު ހާލުގައި ޖެހިފައިވާތީ، އެޤައުމަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އިން އިސްނަގައިގެން ބާއްވާ "ސިލޯނާއެކު ދިވެހީން" ޓެލެތޯން މިހާރު ފަށައިފިއެވެ. 37 މީޑިއާއާ އެކު ކުރިއަށްގެންދާ މި ޓެލެތޯން މިރޭ މެންދަމު 1:00 ޖެހުމާ ހަމައަށް ކުރިއަށް ދާނެއެވެ.

މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި، ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށްވެސް ވަނީ ހުޅުވާލާފައެވެ. ދިވެހިރާއްޖޭގެ 37 މީޑިއާ ކުންފުނިތަކުގެ އެއްބާރުލުމާއެކު މި ޓެލެތޯން ކުރިއަށްދާއިރު، އެހީތެރިކަން ފޯރުކޮށްދިނުމަށް އެތައް ފަރާތްތަކަކުން އަންނަނީ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ. އެހެންކަމުން ލަންކާއަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ހާލަތުގައި ދިވެހިންނަށް ދެވެން އޮތް ކޮންމެ އެހީތެރިކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ. އެގޮތުން ކިއުއާރު ކޯޑު ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެއެވެ. އަދި ނަގުދު ފައިސާ، ޓްރާންސްފަރ އަދި ބޭންކް ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ޚާއްސަ އެކައުންޓެއްވެސްވަނީ ހަދާފައެވެ. މީގެ އިތުރުން މިމަސައްކަތް ދެފުށް ފެންނަ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށް ކުރިއަށްގެންދިއުމުގެ ބޭނުމުގައި މިނިވަން އޮޑިޓް ފަރމެއް ކަމުގައިވާ ކްރޯ މޯލްޑިވްސްއާ އެކަމުގެ އެއްބަސްވުމުގައިވަނީ ސޮއިކޮށްފައެވެ. މިގޮތުން، ކްރޯ މޯލްޑިވްސްއިން މި ޓެލެތޯންގެ ހުރިހާ މާލީ ކަންކަން އޮޑިޓްކޮށް ރިޕޯޓްކުރާނެއެވެ.