ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 193 އަށް އުފުލިއްޖެ
ސްރީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ ވާރޭވެހުމާއި، ތޫފާން 'ދީތްވާ'ގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 193 އަށް އުފުލިއްޖެއެވެ. މި ހާދިސާތަކުގައި ދުއިސައްތައަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު، ގައުމުގެ އެކި ސަރަހައްދުތަކުން އެއްލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ސަރުކާރުގެ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހާމަކުރާ ގޮތުގައި، މި ތޫފާނުގެ ސަބަބުން ގާތްގަނޑަކަށް 20،000 އަށް ވުރެ ގިނަ ގެތަކަށް ވަނީ ގެއްލުންވެ ހަލާކުވެފައެވެ. މަރުވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ރިޕޯޓްކޮށްފައިވަނީ ކެންޑީ އަދި ބަދުއްލާ ޕްރޮވިންސުންނެވެ. އެގައުމުގެ ހާލަތު ގޯސްވުމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އިއުލާނުކޮށްފައެވެ.
ފެންބޮޑުވުމުގެ ސަބަބުން ލަންކާގެ ތިންބައިކުޅަ އެއްބައި މީހުން މިހާރު ތިބީ ފެނާއި ކަރަންޓުން މަހުރޫމްވެފައެވެ. މެދުތެރޭގެ ކުރޫނޭގަލާގައި ހޮނިހިރު ދުވަހުގެ މެންދުރު ފަހު ފެންބޮޑުވުމުގެ ސަބަބުން، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ގެއެއްގައި ތިބި 11 މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން، އަނޫރާދަޕޫރާގައި ފެނުގެ ތެރެއަށް ޣަރަގުވި ބަހެއްގެ ތެރެއިން 69 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
Ads by BMLކެލާނީ ކޯރުގެ ފެންގަނޑު ހަލުވިކަމާއެކު އުފުލެމުންދާތީ، ކޯރުގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކުން މީހުން ހުސްކުރުމުގެ އަމުރުތައް ވަނީ ނެރެފައެވެ. ލަންކާގެ ހާލަތު ވަރަށް ގޯސްވެފައިވާތީ، އެ ގައުމުގެ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދިފައެވެ.
މިއީ ލަންކާއަށް އާންމުކޮށް ވިއްސާރަކުރާ ދުވަސްވަރެއް ނަމަވެސް، މިހާ ބޮޑަށް މޫސުން ގޯސްވެ، މިވަރަށް ގެއްލުންތައް ލިބުމަކީ ވަރަށް މަދުން ކުރިމަތިވާ ކަމެކެވެ. މި ގަރުނުގައި ލަންކާއަށް އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ 2003 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެ ފަހަރު 254 މީހުން މަރުވެ، ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ.
ތޫފާން 'ދީތްވާ'ގެ އަސަރު ލަންކާގެ އިތުރުން ރާއްޖެ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ވެސް ކުރަމުންދާ ކަމަށް މޫސުމާބެހޭ އިދާރާތަކުން ބުނެއެވެ. މި ގައުމުތަކުގައި ވެސް ބޯކޮށް ވާރޭވެހުމާއި، ފެންބޮޑުވުމުގެ ހާދިސާތައް ރިޕޯޓްކުރެވިފައިވެއެވެ.
Ads by MACL
