ޗައިނާގެ ދެ މަންޒިލަކަށް މޯލްޑިވިއަންގެ ނެރޯ ބޮޑީ ދަތުރުތައް ޖެނުއަރީގައި ފެށުމަށް ތައްޔާރުވެއްޖެ
ޤައުމީ އެއަރލައިން މޯލްޑިވިއަނުން އަންނަ ޖެނުއަރީ މަހު ޗައިނާގެ ދެ މަންޒިލަކަށް ނެރޯ ބޮޑީގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހާމަކޮށްފިއެވެ.
މިކަމުގެ ސަބަބުން ކޯވިޑް-19ގެ ވަބާއަށްފަހު މޯލްޑިވިއަނުން ބައިނަލްއަޤުވާމީ ދަތުރުތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. ޤައުމީ އެއަރލައިނުން މިހާރުވެސް ދަނީ ޗައިނާއަށް ވައިޑްބޮޑީ ދަތުރުތައް ކާމިޔާބުކަމާއެކު ހިންގަމުންނެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، ވައިޑް ބޮޑީ ދަތުރުތައް ފެށުމަށްފަހު ޗައިނާއަށް ކުރާ ދަތުރުތައް ވަރަށް ބޮޑަށް ކާމިޔާބުވެފައިވާ ކަމަށެވެ. މިހާތަނަށް ޗައިނާއިން އެކަނި ވައިޑް ބޮޑީގައި 20،000 އަށްވުރެ ގިނަ މީހުން އުފުލާފައިވާ ކަމަށާއި، އަދި 1100 ޓަނުގެ މުދާވެސް އުފުލާފައިވާ ކަމަށް އިޔާސް ފާހަގަކުރެއްވިއެވެ. މިކަމުން ޗައިނާ މާކެޓަށް ދިވެހިރާއްޖެއަށް އޮތް ބޭނުންތެރިކަން ހާމަވެގެންދެއެވެ.
Ads by BMLއިޔާސް އިތުރަށް ވިދާޅުވީ، ވައިޑް ބޮޑީ ދަތުރުތަކުގެ އިތުރަށް ނެރޯ ބޮޑީގެ ދަތުރުތައްވެސް ޗައިނާއަށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ޗައިނާގެ ޖިއާން އަދި ޝެންޒެންއަށް ނެރޯ ބޮޑީ ދަތުރުތައް ފެށި، ދަތުރުތައް ވަރަށް ބޮޑަށް ފުޅާވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިންވެސް މޯލްޑިވިއަނުން ވަނީ ޗައިނާގެ އެކި ސިޓީތަކަށް ނެރޯ ބޮޑީގައި ދަތުރުކޮށްފައެވެ.
މޯލްޑިވިއަނުން ދަނީ ޤައުމީ އެއަރލައިނުގެ ބޭރުގެ މަންޒިލްތަކަށް ކުރާ ދަތުރުތަށް އިތުރު ކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ޗައިނާއަށް ހިންގާ ވައިޑް ބޮޑީ ދަތުރުތަކުގެ އިތުރުން އިތުރު މަންޒިލްތަކަށް ވެސް މިފަދަ ދަތުރުތައް ފުޅާކުރުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ވެސް އައިލޭންޑް އެވިއޭޝަނުން ދަނީ އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޗައިނާގެ އިތުރުން، އިންޑިއާގެ ކޮޗިން އަދި ޓްރެވަންޑްރަމަށް މިހާރު ނެރޯ ބޮޑީގައި ހަފްތާއަކު ކުރަމުން އައި 4 ދަތުރު، އަންނަ މަހު ހަފްތާއަކު 5 ދަތުރަށް އިތުރުކުރާނެ ކަމަށް އިޔާސް ވިދާޅުވިއެވެ. މީގެ އިތުރުން، ބަންގްލަދޭޝްގެ ޑާކާއަށް މިވަގުތު ދަތުރުތައް ހުއްޓިފައިވީނަމަވެސް، އަންނަ އަހަރު އެދަތުރުތައްވެސް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީ ވިދާޅުވިއެވެ.
Ads by MACL
