ސްރީލަންކާއަށް އެހީވުމަށް ހިންގާ ޓެލެތޯނަށް ވެމްކޯއިން 100،000 ރުފިޔާ ހަދިޔާކޮށްފި
ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ވޭސްޓް މެނޭޖްމަންޓް ކޮމްޕެނީ (ވެމްކޯ) އިން 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ. 16 ގަޑިއިރަށް ކުރިއަށްގެންދާ މި ޓެލެތޯނަކީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން އިސްނަގައިގެން ރާއްޖޭގެ 37 މީޑިއާއާ ގުޅިގެން ހިންގާ ހަރަކާތެކެވެ.
ވެމްކޯއިން މި ޓެލެތޯނަށް ހަދިޔާކުރި 100،000 ރުފިޔާ އަކީ ސްރީލަންކާއަށް އެހީވުމަށް ކުރެވޭ މަސައްކަތަށް ލިބުނު އިތުރު އެހީއެކެވެ. މި ޓެލެތޯންގައި ސަރުކާރުގެ އެކި އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ވެސް އަންނަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
"ސިލޯނާއެކު ދިވެހީން" ޓެލެތޯނަކީ ރާއްޖޭގެ ޕީ.އެސް.އެމް އިން އިސްނަގައިގެން، ރާއްޖޭގެ އެކި މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. 37 މީޑިއާއާ އެކު ކުރިއަށްގެންދާ މި ޓެލެތޯން މިރޭ މެންދަމު 1:00 ޖެހުމާ ހަމައަށް ކުރިއަށް ދާނެއެވެ. މި ޓެލެތޯނުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި، ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށް ވެސް ވަނީ ހުޅުވާލާފައެވެ.
Ads by BMLރާއްޖޭގެ ގިނަ ކުންފުނިތަކުގައި ސްރީލަންކާއަށް ނިސްބަތްވާ މުވައްޒަފުން މަސައްކަތްކުރެއެވެ. އެހެންވެ، އެ ކުންފުނިތަކުން މި ޓެލެތޯނުގައި ބައިވެރިވެ، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ސްރީލަންކާއަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ވަގުތުގައި ބައިވެރިވުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. މިއީ ދިވެހިރާއްޖޭގެ ރައްޔިތުންނާއި ކުންފުނިތަކުގެ ތެރޭގައި އޮތް އެކުވެރިކަމާއި އޯގާތެރިކަން ހާމަކޮށްދޭ ކަމެކެވެ.
މި ޓެލެތޯންގައި މިހާތަނަށް 2.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާއި 38،000 އަށްވުރެ ގިނަ ޑޮލަރު އެހީގެ ގޮތުގައި ވަނީ ލިބިފައެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ވަރަށް ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތް ގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖެއިން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި ސްރީލަންކާއެވެ.
Ads by MACL
