ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިލޯނާއެކު ދިވެހީން ޓެލެތޯނަށް 2.3 މިލިޔަނަށްވުރެ ގިނަރުފިޔާ މިހާތަނަށް ލިބިއްޖެ

ސިލޯނާއެކު ދިވެހީން ޓެލެތޯނަށް 2.3 މިލިޔަނަށްވުރެ ގިނަރުފިޔާ މިހާތަނަށް ލިބިއްޖެ

ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި މީޑިއާ ތަކުން މިއަދު ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 2.3 މިލިޔަނަށްވުރެ ގިނަ ރުފިޔާއާއި 38،000 އަށްވުރެ ގިނަ ޑޮލަރުގެ އެހީ ލިބިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިއަދު ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން މިރޭ މެންދަމު 1:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

ދިވެހި މީޑިއާ ތަކުން ގުޅިގެން ހިންގާ މި ޓެލެތޯން މިއަދު ހެނދުނު 9:00 އިން ފެށިގެން އެކި މީޑިއާތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ. މި މަސައްކަތުގައި ރާއްޖޭގެ ގިނަ އަދަދެއްގެ މީޑިއާ ބައިވެރިވެ، ސްރީލަންކާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލުމާއެކު އެހީއަށް އެދި ދަނީ ގޮވާލަމުންނެވެ.

ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓް ނަންބަރު: 7770000030589 އަދި ޑޮލަރު އެކައުންޓް ނަންބަރު: 7770000030590 އަށް ފައިސާ ޖަމާކުރެވޭނެއެވެ. މީގެ އިތުރުން ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ޚާއްސަ ފޮށިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެޤައުމުގެ އެތައް ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކާ އެކު، މިއީ އިންސާނީ އެހީއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ވަގުތެކެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއަކީ ދިގު ތާރީޚީ ގުޅުންތަކެއް އޮންނަ ދެ ޤައުމެވެ. މިފަދަ ދަތި ހާލަތެއްގައި އަވައްޓެރި ޤައުމަކަށް ދިވެހިންގެ އެއްބަސްވުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.