ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިލޯނާއެކު ދިވެހީން ޓެލެތޯނަށް އެމްއޭސީއެލްއިން 250,000ރ ހަދިޔާކޮށްފި

ސިލޯނާއެކު ދިވެހީން ޓެލެތޯނަށް އެމްއޭސީއެލްއިން 250,000ރ ހަދިޔާކޮށްފި

ސްރީލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާގެ ޝިކާރަވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 250,000 ރުފިޔާ ހަދިޔާކޮށްފިއެވެ.

މި އެހީތެރިކަން ފޯރުކޮށްދިނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓު ހިންގާ ކުންފުނީގެ ސީނިއާ މުވައްޒަފުން މިހާރު ކުރިއަށްދާ ޓެލެތޯންގައި ބައިވެރިވެގެންނެވެ.

އެމްއޭސީއެލްގެ އިތުރުން ރާއްޖޭގެ ގިނަ ކުންފުނިތަކަކުންނާއި މުއައްސަސާތަކުން ވެސް ޓެލެތޯނަށް ފައިސާ ހަދިޔާކޮށްފައިވެއެވެ. މިގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވެމްކޯ އާއި އެމްޓީސީސީ އިން 100,000 ރުފިޔާ ހަދިޔާކޮށްފައިވާއިރު، ބީއެމްއެލް އިން 25,000 ޑޮލަރު އަދި އެމްޓީޑީސީ އިން 50,000 ރުފިޔާ ހަދިޔާކޮށްފައިވެއެވެ. މީގެ އިތުރުން ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުން 300,000 ރުފިޔާ، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން 10,001 ޑޮލަރު އަދި ރައީސް އޮފީހުގެ އިޖްތިމާއީ ކްލަބުން 50,000 ރުފިޔާ ހަދިޔާކޮށްފައިވެއެވެ.

މި ޓެލެތޯން މިރޭ ދަންވަރު 1 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ. ފައިސާ ހަދިޔާކުރުމަށްޓަކައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑުފޮށިތައް ބަހައްޓާފައިވެއެވެ. މީގެ އިތުރުން، ރުފިޔާއިން ހަދިޔާކުރުމަށް ބީއެމްއެލްގެ އެކައުންޓް ނަންބަރު 7730000796107 އަށް، އަދި ޑޮލަރުން ހަދިޔާކުރުމަށް އެކައުންޓް ނަންބަރު 7730000796106 އަށް ފައިސާ ޓްރާންސްފާ ކުރެވޭނެއެވެ. ޓީވީ ސްކްރީނުގައިވާ ކިއުއާރް ކޯޑު މެދުވެރިކޮށް ވެސް ފައިސާ ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިރޭ 9 ޖެހުމާ ހަމައަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޓެލެތޯނަށް ޖުމުލަ 2.3 މިލިއަން ރުފިޔާ އާއި 38,322 ޑޮލަރު ވަނީ ލިބިފައެވެ. މި އަދަދުތަކުން ދައްކުވައިދެނީ ދިވެހި ރައްޔިތުންނާއި ކުންފުނިތަކުގެ ހިތްހެޔޮކަމާއި، އަވައްޓެރި ސްރީލަންކާއަށް ދިމާވެފައިވާ ކާރިސާގައި އެހީތެރިވުމަށް އޮތް ބޮޑު އެއްބާރުލުމެވެ.