ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

'ސިލޯނާއެކު ދިވެހީން' ޓެލެތޯނަށް އެމްޓީސީސީން 1 ލައްކަ ރުފިޔާ ހަދިޔާކޮށްފި

'ސިލޯނާއެކު ދިވެހީން' ޓެލެތޯނަށް އެމްޓީސީސީން 1 ލައްކަ ރުފިޔާ ހަދިޔާކޮށްފި

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އިންސާނީ ބޮޑު ކާރިސާއާ ގުޅިގެން އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި އެހެނިހެން މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ 'ސިލޯނާއެކު ދިވެހީން' ޓެލެތޯނަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން 100،000 (އެއްލައްކަ) ރުފިޔާ ހަދިޔާކޮށްފި އެވެ.

އަވަށްޓެރި ލަންކާއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުންނާއި ގާތްގުޅުން ހުރި ޤައުމުތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، ރާއްޖެއިން މިކަމުގައި އިސްނަގައިގެން މިހާރު ކުރިއަށްދާ ޓެލެތޯނަށް އެމްޓީސީސީގެ ފަރާތުން މިހަދިޔާ ކުރެއްވުމަކީ، ކޮމްޕެނީގެ އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ގޮތުން ކުރެއްވި ހެޔޮކަމެކެވެ.

ޕީއެސްއެމްގެ އިސްނެގުމާއެކު ރާއްޖޭގެ 37 މީޑިއާއެއް ގުޅިގެން ކުރިއަށްގެންދާ މި ޓެލެތޯން، ޖުމްލަ 16 ގަޑިއިރަށް ކުރިއަށްދާނެ އެވެ. މިއީ ސަރުކާރުގެ އެކި އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި، އާންމު ރައްޔިތުންގެ ބޮޑު ބައިވެރިވުމެއް ލިބެމުންދާ ހަރަކާތެކެވެ. މިހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ވަނީ ހުޅުވާލާފަ އެވެ.

މި ޓެލެތޯން މިރޭ މެންދަމު 1:00 ޖެހުމާ ހަމައަށް ކުރިއަށްދާއިރު، މިހާތަނަށް 2.3 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި، 38،000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ވަނީ އެހީގެ ގޮތުގައި ލިބިފަ އެވެ. މި އަދަދުތަކުން ދައްކުވައިދެނީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި އަވަށްޓެރި ޤައުމަށްޓަކައި އޮތް ހަމްދަރުދީ އާއި އެއްބައިވަންތަކަމެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. ދިވެހިރާއްޖެއަށް ދިމާވި ބޮޑެތި ކާރިސާތަކުގައި ލަންކާއިން ވަނީ އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީފަ އެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ. މިގުޅުން ބަދަހިކުރުމަށްޓަކައި މިފަދަ ހާލަތްތަކުގައި އެހީތެރިވުމަކީ ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ.