ތ.ގުރައިދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
ސަރުކާރުގެ މުއައްސަސާތަކުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ލާމަރުކަޒުކޮށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، ތ.ގުރައިދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މި ޚިދުމަތް ގުރައިދޫގައި ފަށާފައިވަނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭގައެވެ.
މި ޚިދުމަތް ފެށުމާއެކު، ތ. އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ރަށްތަކުގެ އަދަދު ވަނީ ތިނަކަށް އިތުރުވެފައެވެ. އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، މިހާރު ތ. އަތޮޅުގެ ވިލުފުއްޓާއި ވޭމަންޑޫގެ އިތުރުން ގުރައިދޫއިން ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެއެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް ދެވޭ މުހިއްމު ލުއިފަސޭހައެކެވެ.
ސަރުކާރުން ދަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް ދެމުންދިޔަ މުހިއްމު ޚިދުމަތްތައް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ދަށުން ދޭ ޕާސްޕޯޓާއި، އައިޑީކާޑުގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަށް ވަނީ އިސްކަންދީފައެވެ. އެގޮތުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއް ރަށުގައި މި ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
Ads by MACL
